ކަފާލާތާ މެދު ގޮތެއް ނުނިންމާތީ ޔާމީންގެ ކަންބޮޑުވުން
މަނީ ލޯންޑާކުރެއްވިކަން ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާތާ ގިނަ ދުވަސްތަކެއް ވީނަމަވެސް، އެ މައްސަލައިގައި ކޯޓުން ގޮތެއް ނިންމާފައި ނުވާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓެއް މެދުވެރިކޮށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ މެސެޖެއް ފޯރު ކޮށްދެއްވައިފަ އެވެ.
ޖަމީލު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ތަފާތު ކުރުމެއް ނެތި ރައީސް ޔާމީނަށް ވެސް ކަފާލާތު ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ ކަމަށެވެ. އެކަމަކު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ހުށަހެޅިތާ ދޮޅުމަސް ވެގެން ދިޔައިރު އެ ކަމާ މެދު ގޮތެއް ނުނިމި އޮތުމަކީ ކޮން ކަހަލަ ހަމައެއްތޯ ޖަމީލު ސުވާލު ކުރެއްވި އެވެ.
"ގާނޫނީ ހައްގު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފު ލިބުމަކީ ޖުޑީޝަރީ އިސްލާހުވުން،" ރައީސް ޔާމީން ވިދާޅުވިކަމަށް، ޖަމީލްގެ ޓުވީޓުގައިވެއެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް ހުށަހަޅާފައިވަނީ އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅި އިރުއެވެ.
ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމް ކޮށްފައިވެ އެވެ.