ޚަބަރު

ދުވާފަރުގައި ޖަމާޢަތުގައި ނަމާދު ކުރި މައްސަލައެއް ހުށަހަޅާފައިވޭ: އިސްލާމިކް މިނިސްޓަރު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާޢަތުގައި ނަމާދު ނުކުރުމަށް އަންގާފައިވަނިކޮށް ރ. ދުވާފަރުގައި ނަމާދު ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޓީވީ ޗެނަލްއެއް ކަމަށްވާ "ރާއްޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒާހިރު ވިދާޅުވީ ހަލުވި މިނެއްގައި ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ޖަމާޢަތުގައި ނަމާދު ކުރުން މަނާ ކުރީ ވަރަށް މާތް މަޤުޞަދެއްގައި ކަމަށެވެ. ގިނަ ރަށްރަށުން މިނިސްޓްރީގެ އެންގުމަށް ބޯލަބައި އެއްބާރުލުން ދެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް ދުވާފަރުގެ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދުކޮށް، ރޯދަ ވީއްލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، އެމައްސަލަ ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅއިގެން ބަލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ. އަދި ވިދާޅުވީ މިހާރު އެގޮތަށް އެކަން ނުރުމަށް އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެއް ކައުންސިލަކުން ޝަކުވާ އައި މިސްކިތުގެ ޖަމާޢަތުގެ ކަންތަކާއި، ރޯދަ ވީއްލުމުގެ ކަންތައް ކުރިއަށް ގެންދާ ކަމަށް. މިއީ ދުވާފަރުގައި އެފަދަ ކަމެއް ހިނގާ ދިޔަ ކަމަށް އަޅުގަނޑުމެންނަށް ޝަކުވާ އައި. ދެން އަޅުގަނޑުމެން އެލްޖީއޭ މެދުވެރިކޮށް ދެން އެ މައްސަލައަށް އެޓެންޑްވެ އެބޭފުޅުންނަށް އެހެން ނުހެދުމަށް ވަނީ އަންގާފައި. އަދި އެއްރަށަކުން ހަމަ އެގޮތަށް ޝަކުވާއެއް އައި. ނަމަވެސް ރަސްމީކޮށް އަންގާފައި ނުވޭ" މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން 28 މެއި 2020 ވާ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދާއި، ތަރާވީޙް ނަމާދު ޖަމާޢަތުގައި ނުކުރަން އިސްލާމިކް މިނިސްޓްރީން ނިންމާ އެގޮތަށް ޢަމަލުކުރުމަށް ވަނީ އަންގާފައެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!