ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ ޕްރޮގްރާމެއް ފަށަނީ
ސްޕޯޓްސް މިނިސްޓްރީ އާއި ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީ އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޔޫތު މިނިސްޓްރީން ވިދާޅުވެފައި ވަނީ މި ޕްރޮގްރާމަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގެ ކުޅިވަރު ދާއިރާގައި ކުރިއަށް ދިޔުމަށް އެހީވެދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެއްކަމަށެވެ. އަދި މީގެ ކުރިންވެސް ޕެރަ އޮލިމްޕިކް ކޮމިޓީ އަދި ސްޕެޝަލް އޮލިމްޕިކް ކޮމިޓީއެއް ހަދައިން މި މަސައްކަތް ކޮށްފައިވީ ނަމަވެސް، ބެލެނިވެރިން އެދިވަޑައިގަންނަވާ ވަރަށް މަސައްކަތް ކުރެވިފައި ނުވާކަމަަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އެ މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން މިވަގުތު މަސައްކަތް ފަށަން ޖެހިފައި ވަނީ މާލޭ ސަރަހައްދުގައި ކަމަށާއި ނަމަވެސް ޖާގަ ލިބެމުންދާ މިންވަރާ ހާލަތަށް ބަލައި އަތޮޅު ތެރެއަށް ވެސް މި ހަރަކާތް ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މި ޕްރޮގްރާމްގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް, އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ އިތުރުން ސްވިމިން އެސޯސިއޭޝަން އިން ބައިވެރިވެފައިވާ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.
.