މިމަހުގެ މިހާތަނަށް 14،000 އަށްވުރެ ގިނަ ފަތުރުވެރިން

މި ޑިސެމްބަރު މަހުގެ ފުރަތަމަ ހަތްދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 14،000 އަށްވުރެ އިތުރު ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.
ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ޑިސެމްބަރު މަހުގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ. އެ ދުވަހު 3,006 ޓޫރިސްޓުން އައިސްފައިވެއެވެ. އެއީނކޮވިޑުގެ ބަލިމަޑުކަމާހުރެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ.
އެ މިނިސްޓްރީ އިން މިއަދު ހިއްސާކުރި ތަފާސް ހިސާބުތަކަށް ބަލާއިރު،މިމަހުގެ އެކަކުން ހަތެއްގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަކީ 14,296 އެވެ. އެއީ އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 2,042 ފަތުރުވެރިންނެވެ.
މިހާރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަނީ ރަޝިއާއިންނެވެ. ބޯޑަރު ހުޅުވާލިފަހުން ރަޝިއާ އިން އައި ޓޫރިސްތުންގެ ޖުމްލަ އަކީ 19،883 އެވެ.
ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކުރި ނަމަވެސް މި އަހަރަށް އަންދާޒާ ކޮށްފައިވާ އަދަދަށް ފަތުރުވެރިން ރާއްޖެ އައުން އެކަށީގެންވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އަދި ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ޖުލައި މަހު ހުޅުވާލި ފަހުން ފަތުރުވެރިން އައިސްފައިވާ މިންވަރުން އަހަރުު ނިމެންވާއިރަށް ޓޫރިޒަމްގެ ޓާގެޓަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ވެސް ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.