ލަންޑަންގައި ހާލުގައި ޖެހުނު ދިވެއްސަކަށް އެހީނުވި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
އިނގިރޭސިވިލާތުގެ ލަންޑަންގައި ހާލުގައި ޖެހުނު ދިވެއްސަކަށް އެހީނުވި ކަމަށް ދެކެވޭ ވާހަކަ ފޮރިން މިނިސްޓްރީން ދޮގު ކޮށްފި އެވެ.
ލަންޑަނުގައި ދިވެހި ރައްޔިތަކު ހާލުގައި ޖެހިގެން އެހީއަށް އެދުމުން، ދިވެހި ސަރުކާރުގެ ފަރާތުން އެމީހާއަށް އެހީގެ ގޮތުގައި ދެވެން އޮތީ 24 ޕައުންޑު (ގާތްގަނޑަކަށް 30 ޑޮލަރު) ކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.
އެގޮތުން އެ މީހާ ފުރަތަމަ އެހީއަށް އެދުމުން، ފޮރިން މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ވަނީ، އެހީ ނުލިބޭނެ ކަމަށާއި އޭނާ އަތުގައި ރިޓާން ޓިކެޓެއް ނެތް ކަމަށް ބުނެފައި ކަމަށް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.
މި ވާހަކަތައް ދޮގު ކުރައްވާ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު 'ސީއެންއެމް' އަށް ވިދާޅުވީ އެމީހާ އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނާ ގުޅާފައިވަނީ މާރޗް މަހުގެ ފަހުކޮޅުގައި ކަމަށެވެ. އެގޮތުން އެމީހާ ލަންޑަނަށް ދިޔައީ ލަންކާގައި ހުރުމަށްފަހު ތުރުކީ މަގުން ކަމަށާއި، އަދި އޭނާ ލަންޑަނަށް ދިޔައީ ކެރީބިއަންގެ ގައުމަކަށް ދިއުމުގެ ބޭނުގައި ކަމަށް މައުލޫމާތު ދީފައިވާކަމަށެވެ.
އެމީހާ މާޗް 24 ގައި އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނަށް ގުޅުމަށްފަހު ކެރީބިއަންގެ ގައުމަށް ދިއުމަށްޓަކައި ނަގާފައިވާ ޓިކެޓް ކެންސަލް ވެފައިވާކަމަށް ބުނެފައިވާ ކަމަށާއި އަދި އޭނާއަށް އަވަހަށް ފުރުމަށް ހައިކޮމިޝަނުން އެންގި ކަމަށް މިއުވާން ވިދާޅުވިއެވެ.
އެގޮތަށް އަންގާފައިވަނީ ކޮވިޑާ ގުޅިގެން ބައެއް ބޯޑަރުތައް ބަންދުކުރަމުން ގެންދިއުމުނެވެ. އަދި ރާއްޖެއަށް އާދެވޭނެ ގޮތްތައް ހުރިކަން ބުނި ކަމަށާއި، އެހެން ނަމަވެސް އެކަމުގައި އެ މީހާ ހަބަރެއް ނުވި ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި މާޗް 27 ގައި ވެސް ފްލައިޓެއް އޮތްވާހަކަ ބުނި ކަމަށާއި، އެހެން ނަމަވެސް ފައިސާ ނެތްވާހަކައެއްވެސް ނުވަތަ އެފަދަ އިތުރު ވާހަކައެއްވެސް އެމީހާ ބުނެފައިނުވާކަމަށް މިއުވާން ވިދާޅުވި އެވެ.
އޭގެ ގާތްގަނޑަކަށް މަސްދުވަސްފަހުން އޭޕްރިލް 22 ގައި ގުޅުމަށްފަހު އަނެއްކާ ހައިކޮމިޝަންގެ އެހީތެރިކަމަށް އެދުނުކަމަށާއި އަދި އޭޕްރިލް އެކެއްގައި ޓިކެޓެއް ނަގައި ކެންސަލް ވީކަމަށް އެމީހާ ބުނި ކަމަށްވެސް މިއުވާން ވިދާޅުވި އެވެ. އަދި އެމީހާ ހުންނަންޖެހޭ ހޮޓަލުން ނިކުންނަން ޖެހިފައިވާކަމަށް ބުނުމުން އޭނާ ހުރުމަށް ހޮޓެލެއް ހަމަޖައްސައިދީފައިވާކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
މީގެ އިތުރުން މިއުވާން ވިދާޅުވީ އެމީހާ އޭގެފަހުން އޭޕްރިލް 28 ގައި ގުޅުމަށްފަހު ރާއްޖެއަށް ފްލައިޓެއް އޮތްތޯ އެހިކަމަށާއި، އެހެން ނަމަވެސް އޭރު އެފަދަ ފްލައިޓެއް އޮތްކަން އެގެން ނެތުމުން އެކަން އެންގި ކަމަށެވެ. އަދި މޭ ހަވަނަ ދުވަހު ގުޅުމަށްފަހު އޭނާ މާލީ އެހީއަށް އެދުނުކަމަށެވެ. އަދި އެކަމަށް މައިލް އަކުން އެދުމަށް އެދުނު ކަމަށާއި އެހެން ނަމަވެސް އެހީއަށް އެދުމަށް ބޭނުންވާ ލިޔެކިޔުން އޭނާ އަދިވެސް ފޮނުވާފައި ނުވާކަމަށް މިއުވާން ވިދާޅުވިއެވެ.
މީގެ އިތުރުން މިއުވާން ވިދާޅުވީ މޭ ނުވަ ވަނަ ދުވަހު އެނބުރި ލަންކާއަށް ދާން ބޭނުންވާކަމަށް އެމީހާ ބުނި ކަމަށެވެ. އަދި އެކަމަށް ސަރުކާރުގެ ހާއްސަ ލިޔުމަކަށް އެދުނު ކަމަށާއި، އެހެން ނަމަވެސް ލަންކާގެ ބޯޑަރު އޭރު ބަންދުކޮށްފައި އޮތްކަމަށް މިއުވާން ވިދާޅުވި އެވެ. އަދި ކުރިން ނެގި ކަމަށް ބުނި ޓިކެޓްތަކުގެ ކޮޕީތައް ވެސް މެއިލް ކުރުމަށް އެދުނު ކަމަށާއި، އެހެން ނަމަވެސް އެކަން ވެސް ކޮށްފައި ނުވާކަމަށް މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ އެމީހާ ހުރި ހޮޓަލުން ނިކުންނަންޖެހުމުން އެމްބަސީކައިރިއަށް އައި ކަމަށެވެ. އެހެން ނަމަވެސް ލިޔެކިޔުމެއް ރަސްމީކޮށް ކުރިން ހުށަހެޅުމަށް އެދި އެކަން ކޮށްފައި ނެތުމުން ރަސްމީކޮށް އެހީތެރިކަން ފޯރުކޮށްނުދެވުނީ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ހާލުގައި ޖެހުނަ ނުދިނުންކަމަށާއި، އެގޮތުން ރޭ އެމީހާއަށް ނިދާނެތަނަކަށާއި، ކެއުމަށް ބޭނުންވާނެ ފައިސާ އޭނާއަށް ދިންކަމަށް ވިދާޅުވިއެވެ.