ޚަބަރު

ރަށަށް ދާން ބޭނުންވެފައި ތިބި 830 މީހަކު ކަރަންޓީން ކޮށްފި

ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވެފައި ތިބި 830 މީހަކު ކަރަންޓީން ކޮށްފިއެވެ.

ޒަރޫރީ ބޭނުންތަކުގައި މާލެ އައިސް ރަށަށް ނުދެވި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ފޮނުވާލާ މީހުން މިމަހުގެ 24 ނިޔަލަށް ކަރަންޓީން ފެސިލިޓީ ތަކަށްގެންދެވި ރަށްރަށަށް ފޮނުވާލުމުގެ މަސައްކަތް ފެށޭނެކަމަށް އެލްޖީއޭއިން މިއަދު ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޮކްޑައުން ކުރި އިރު އެކި ބޭނުންތަކުގައި މާލެ އައިސް ތިބި އަތޮޅު ތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ 830 މީހަކު މިހާރު ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

"24 މޭގެ ކުރިން މަދުވެގެން 1800 މީހުން ރަށަށް ފޮނުވުމަށްޓަކައި ކަރަންޓީން އަށް ފޮނުވޭނެ. އިންޝާﷲ." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުން ރަށަށް ފޮނުވުމުގައި ޢަމަލު ކުރާނެ އުޞޫލެއް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. މި އުޞޫލްގެ ދަށުން އެފަދަ އެމީހުން ރަށްރަށަށް ފޮނުވުމުގައި އިސްކަން ދެވޭނެ އުސޫލުތަކެއްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!