ރައްޔިތުންގެ މަޖިލިސް ރިޕޯޓް

"އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރެވެ"

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ، ދެން އޮންލައިން

ސުރުޚީގައި އެ ވަނީ އަޅުގަނޑުގެ އަމިއްލަ ޢިބާރާތެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ޖުމުލައެވެ. އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެ ކަމަށެވެ. އެހެންވީމާ ދިވެހިރާއްޖޭގައި ހަދާ ކޮންމެ ޤާނޫނެއް ހެދުމުގައި އިސްލާމްދީނުގެ އަޞްލުތަކަށް ރިޢާޔަތް ކުރާން ޖެހޭނެކަން ޤާނޫނުއަސާސީއިން ވަރަށް ސާފުކޮށް އެ އޮތީ ފެންނާށެވެ. މި ނަޒަރުން ބަލާއިރު، ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި އެންމެ ބޮޑަށް ޒިކުރު ކުރާން ޖެހޭނީ ކީރިތި ޤުރުއާނެވެ. އެ މަޖިލީހުން ފާސްކުރާ ކޮންމެ ޤާނޫނެއްގައްޔާއި ފާސްކުރާ ކޮންމެ ފާސްކުރުމެއްގައި ޤުރުއާނަށް ރިޢާޔަތް ކުރާން ޖެހޭނެއެވެ. އަޅުގަނޑުމެން އަމިއްލައަށް ހަދައި، މިއަދު ތަންފީޒު ކުރަމުން މި ގެންދާ ޤާނޫނުއަސާސީއިން މި ވާހަކަ ވަރަށް ރީތިކޮށް ބުނެދެއެވެ.

Ads by Sosun Fihaara

ޤާނޫނުއަސާސީގައި ނެތް ނަމަވެސް އިސްލާމް ދީނުގެ މައިގަނޑު މަޞްދަރަކީ ކީރިތި ޤުރުއާންކަން ކޮންމެ މުސްލިމަކަށް އެނގޭން ޖެހެއެވެ. ވީމާ ޤުރުއާނުން ޙުއްޖަތް ޤާއިމުކުރުމަކީ ޤާނޫނުހަދާ މަޖިލީހުގައި ކުރުން ލާޒިމުކަމެއް ކަމާމެދަކު ޝައްކެއް ނެތެވެ.އިސްލާމީ މުޖުތަމަޢެއްގައި ނަމަ، އެއީ ކޮންމެހެން ޤާނޫނުއަސާސީގައި އެ ވާހަކަ އޮތީމާ ކުރާންޖެހޭ ކަމެއް ވެސް ނުމެ ނޫންމެއެވެ.

އެހެން ނަޒަރަކުން ބަލާއިރު ވެސް ޤުރުއާނުގެ އާޔަތެއް ކިޔަވާއަޑު އިވިއްޖެ ކޮންމެ މީހަކު، އެ ކިޔެވުން ހުއްޓުވުމުގެ ބަދަލުގައި އެއަށް ކަނުލައި އެހުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވައިފައިވާ މި ދަންނަވާ އާޔަތުގައި އަމުރު ކުރައްވައިފައިވާ ފަދައިންނެވެ. "وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ." ("އަދި قرآن ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ،އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمةލެއްވުމަށްޓަކައެވެ.") (سورة الأعراف: 204). މި އާޔަތުގައި މި ވަނީ ކީރިތި ޤުރުއާން ކިޔަވާ އަޑު އިވުމުން އެއަށް ކަނުލައި އަޑުއަހާން ތިބޭން އަންގަވައިފައެވެ. އެއީ ކީއްވެގެންކަން ވެސް މި ވަނީ ބަޔާން ކޮށްދެއްވައިފައެވެ. އެއީ ﷲގެ ރަޙުމަތް އެ އަޑުއަހާ މީހުންނަށް ލިބުމަށް ޓަކައެވެ. އެކަމުގެ އުއްމީދުގައެވެ. އެހެންވީމާ ކީރިތި ޤުރުއާނަށް ކަނުލައި އަޑުއެހުމަކީ ކުރާން ވާޖިބު ކަމެއްކަމާ މެދަކު ޝައްކެއް ނެތެވެ. ވީމާ، ޤުރުއާން ކިޔަވާ އަޑު އިވޭ ހިނދު އެ އަޑު ކަނޑުވައިލާން މަސައްކަތް ކުރުމަކީ ޝައިޠާނީ ޢަމަލަކަށް ނުވެދާނީ ކިހިނެއްތޯއެވެ!

އަޅުގަނޑު މި ވާހަކަ މިހާ ތަފްޞީލުކޮށް ދަންނަވައިލެވޭތޯ މި މަސައްކަތްކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ދެއްކެވި ވާހަކަފުޅެއްގެ ޙުއްޖަތް ޤާއިމުކުރުމަށް ޓަކައި ކީރިތި ޤުރުއާނުން ހެކި ދެއްކެވުމުން އެ ގޮތަށް އާޔަތް ވިދާޅުވެގެން ނުވާނެކަމަށް މަޖިލީހުގެ ރިޔާސަތުން ޤާނޫނާ ޚިލާފަށް އެންގެވި އެންގެވުމާ މެދު ވީ އަޖާއިބެއްގެ ބޮޑުކަމުންނެވެ. އެ ގޮތަށް ކީރިތި ޤުރުއާނުގެ އާޔަތް ވިދާޅުނުވާން އެންގެވި ސަބަބެއްކަމަށް ދެއްކެވީ ވެސް ވަރަށް ތާކުންތާކު ނުޖެހޭ ބަހަނާއެކެވެ. ތިމަން މަނިކުފާނަށް ހިތްޕުޅުން ޤުރުއާން އެނގިވަޑައިނުގަންނަވާ ވާހަކައެވެ. މިއީ ވަރަށް ބޮޑު ހަލީސާއެކެވެ. ޖޯކެކެވެ. އެ މަޖިލީހުގައި މެންބަރަކު އިޓަލީބަހުން ވާހަކަ ދެއްކެވީމާ އެކަން ނުހުއްޓުވީ ރިޔާސަތަށް އިޓަލީ ބަސް އެނގިވަޑައިގަންނަވާތީތޯ ސުވާލު ނޫފެދޭތޯއެވެ! އަދި އުތުރުކަރައިގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ހިންދީ ބަހުގެ އެންމެ މަތީ ބަސްކޮށާރު ބޭނުން ކޮށްގެން ދިން ތަގުރީރު ނުހުއްޓުވީ ހިންދީ ބަސް އެންމެ މަތީ ފެންވަރަށް ރިޔާސަތަށް އެނގިވަޑައިގަންވާތީތޯ ވެސް ސުވާލު އުފެދޭ ނޫންތޯއެވެ! މި ކަންކަން ނުހުއްޓުވައި ޤުރުއާނުގެ އާޔަތް ކިޔުން ހުއްޓުވި އިރު، ކީރިތި ޤުރުއާނާއި އާޔަތުގެ މާނަ ބަލައިލެވޭ ގޮތަށް ހުންނަ އެޕްލިކޭޝަންތައް ވެސް ފޯނަށް އެޅުއްވިދާނެއެވެ. ނުވަތަ އަރިހުގައި ޤުރުއާން ތަރުޖަމާ ވެސް ބާއްވަވައިލެއްވިދާނެއެވެ. ވީމާ، އެ ދުވަހު މަޖިލީހުގައި ޤުރުއާނުގެ އާޔަތުން ދަލީލު ދެއްކެވުން ހުއްޓުވާން އެ ދުވަހު ރިޔާސަތުން ދެއްކެވި ބަހަނާއަކީ އެއްވެސް ބުރަދަނެއް ހުރި ބަހަނާއެއް ނޫނެވެ.

ޤުރުއާނުން ޙުއްޖަތް ޤާއިމުކުރައްވާން ރިޔާސަތަށް އެނގިވަޑައިނުގަތުމަކީ، އެކަން ކުރައްވާން އެނގިވަޑައިގަންނަވާ ބޭފުޅުން އެ ކަން ކުރެއްވުން މަނާ ކުރައްވާން އޮތް ޙުއްޖަތެއް ނޫނެވެ. އެއްވެސް މެންބަރަކު ޤުރުއާނުން ދައްކަވާ ޙުއްޖަތް ކަށަވަރު ކުރައްވާން ރިޔާސަތުން ބޭނުންފުޅު ނަމަ، އަދި ރިޔާސަތަށް ޤުރުއާނުގެ އާޔަތްތަކާއި މާނަ އެނގިވަޑައި ނުގަންނަވާ ނަމަ، ކުރީން ވެސް ދަންނަވައިލި ފަދައިން ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ އަރިހުގައި ކީރިތި ޤުރުއާނާއި އެ ޤުރުއާނުގެ ތަރުޖަމާގެ ކޮޕީއެއް ބޭއްވެވިދާނެއެވެ. ނުވަތަ އަތު ފޯނަށް އެޕްލިކޭޝަން ވެސް އެޅުއްވިދާނެ ނޫންތޯއެވެ! އަދި އެއްވެސް ބޭފުޅަކު ޤުރުއާނާ ޙަވާލާ ދެއްވައި އާޔަތެއް ވިދާޅުވާ ނަމަ، އެއީ ކޮން ސޫރަތެއްގެ ކޮން އާޔަތެއްކަން ވިދާޅުވާން އެންގެވިދާނެއެވެ. ދެން ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ އަރިހުގައި އޮންނަ މުޞްޙަފުން ނުވަތަ ޤުރުއާން ތަރުޖަމާއިން އެ އާޔަތެއް ބެއްލެވިދާނެތާއެވެ. އެހެންވީމާ ޤުރުއާނުގެ އާޔަތުން ދަލީލު ނުދައްކަވާން އެ ދެއްކެވި ބަހަނާއަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. އަދި އެއީ ސީދާ ޤާނޫނާ ޚިލާފު އަމުރެކެވެ.

ހަގީގަތުގައި ރިޔާސަތުން ހިތްވަރުދެއްވާން ޖެހޭނީ މަޞްދަރުތަކަށް ރިޢާޔަތް ކުރައްވައި ހެކިދައްކަވައި ޙުއްޖަތް ޤާއިމުކުރުމުގެ މައްޗަށެވެ. އޮއްޓަރު ހުރި ސާބިތު ވާހަކަތަކަށް ޖާގަ ދިނުމަށެވެ. ކީރިތި ޤުރުއާނަކީ އިސްލާމް ދީނުގެ މައިގަނޑު މަޞްދަރުކަމަށާއި ޤާނޫނުއަސާސީ މައިގަނޑު މަޞްދަރަކީ އިސްލާމްދީންކަން މެންބަރުންނަށް ހަނދުމަފުޅު ކޮށްދެއްވާށެވެ. އަދި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް ސަމާސާއަކަށް ނަމަވެސް ވާހަކަދެއްކުމުގެ ޖާގަ ނުދެއްވާށެވެ.

އިސްލާމް ދީނުގެ މައިގަނޑު މަޞްދަރުން ދައްކާ ޙުއްޖަތަކީ އެއްވެސް މީހަކަށް އިންކާރު ކުރެވޭނެ އެއްޗެއް ނޫނެވެ. އަދި ޤާނޫނުއަސާސީގެ މައިގަނޑު މަޞްދަރަކީ އިސްލާމް ދީންކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވަނިކޮށް، ޤާނޫނު ހަދާ މަޖިލީހުގައި ކީރިތި ޤުރުއާނުން ޙުއްޖަތް ޤާއިމުކުރުން މަނާކުރުމުގެ ޤާނޫނީ އެއްވެސް ބާރެއް އިޚުތިޔާރެއް، ދައުލަތުގެ ހަމަ އެއްވެސް ބާރަކަށް ނޯންނާނެއެވެ. މި ބާރު ލިބިފައިވާ ފަރާތަކުން ޤާނޫނާ ޚިލާފަށް ޚުދުމުޚުތާރުކޮށް ކަންކަން ކުރުމަކީ މުޅީން އެހެން ކަމެކެވެ.

އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ހަގީގަތަކީ ކަމެއް ސާބިތު ކުރުމަށް ޓަކައި ދައްކާން އޮންނާނެ އެންމެ ވަރުގަދަ ޙުއްޖަތަކީ އެ ކަމެއްގެ އެންމެ އަސާސީ މަޞްދަރުކަމެވެ. އާދޭހެވެ.ކޮންމެ ކަމެއް ވެސް އެންމެ ފަހުން ގޮސް ރައްދުވާނީ އޭގެ އަޞްލު މަޞްދަރަށެވެ. މަޞްދަރަކީ އެއްޗެއް އުފެދިގެން އަންނަ އަޞްލެވެ. މީހެއް، ނުވަތަ ތަނެއް ނުވަތަ އެއްޗެއް ނިސްބަތްވާ ނުވަތަ ފެށުމުގެ އަޞްލެވެ. ފެށޭ ހިސާބެވެ.

އަޅުގަނޑުމެންނަށް ކޮންމެ މަޢުލޫމާތެއް ވެސް ލިބޭނީ ކޮންމެ ވެސް މަޞްދަރަކުންނެވެ. އެންމެ އިތުބާތު ހުރި މަޞްދަރަކީ އޭގެ އަސާސީ މަޞްދަރެވެ. އެހެނީ އެއީ އެކަން ފެށިގެން އައި ހިސާބެވެ. ސާނަވީ މަޞްދަރަކަށް ވާތީ އަސާސީ މަޞްދަރުން މަޢުލޫމާތު ހޯދައިގެން އެހެން މީހަކުން އުފައްދައިފައިވާ އުފެއްދުމެކެވެ. ވީމާ ސާނަވީ މަޞްދަރަށްވުރެ އަސާސީ މަޞްދަރުގެ އިތުބާރާއި މުހިއްމުކަން ބޮޑެވެ. ވީމާ ޙުއްޖަތެއް ޤާއިމު ކުރުމަށްޓަކައި މަޞްދަރަށް ރުޖޫޢަވާންޖެހެއެވެ.

ޤާނޫނުއަސާސީގެ މަޞްދަރަކީ އިސްލާމް ދީންކަމަށް ވެފައި އިސްލާމްދީނުގެ މައިގަނޑު މަޞްދަރަކީ ކީރިތި ޤުރުއާންކަމަށް ވާއިރު، އެ މަޖިލީހުގައި ޤާނޫނުތައް ހަދާން ދާއްކާ ވާހަކަތަކުގައްޔާއި، އެކި ކަންކަމާމެދު ޙުއްޖަތް ޤާއިމުކުރުމަށްޓަކައި ޤުރުއާނަށް ރިޢާޔަތް ކުރާންޖެހޭނެއެވެ. އިސްލާމީ ޝަރީޢަތާ ޚިލާފު ވާހަކައެއް ނުދެއްކުމަށް ޓަކައެވެ. އެ މަޖިލީހުގައި މެންބަރުންނަށް ވާހަކަދައްކައި ޚިޔާލު ފާޅުކުރުމުގެ ހުއްދަ އޮންނަނީ ވެސް އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ނުވާ ގޮތުގެ މަތީންނެވެ. ނަމަވެސް ދޮގުހެދުން ފަދަ އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު ވާހަކަދެއްކުމަކީ އެ މަޖިލީހުގައި އާދައިގެ ކަމެކެވެ. ނަމަވެސް މި ކަންކަން މަނާކުރި ތަނެއް އަޅުގަނޑެއް ނުދެކެވެ. އަޅުގަނޑު މި ކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިލުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ބައެއް ބޭފުޅުން ދެއްވި ޖަވާބުން އެނގުނީ، އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުވުން ކަމަށް އެ ބޭފުޅުން މާނަކުރައްވަނީ ހަމައެކަނި އިސްލާމީ މަޞްދަރުތަކަށް އިންކާރުކޮށްފި ނަމަ ކަމެވެ. ނަމަވެސް އިސްލާމް ދީނާ ޚިލާފު ވާހަކަދެއްކުމާއި އިސްލާމް ދީނަށް އިންކާރުކުރުމާ މިއީ ތަފާތު ދެ ދަރަޖައެއްގެ ދެ ފާފައެކެވެ. ދޮގުހެދުމާއި ޤަޛުފުކުރުމާއި މީހުންނަށް ނުބައި ލަޤަބުތަކުން ގޮވުން ފަދަ ކަންކަމަކީ، އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުކަމެއް ނޫންކަމަކަށް ނެހެދޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި އެއީ މަނާކަމެކެވެ. ނަމަވެސް ބާރު ލިބިފައިވާ ފަރާތުން ދީނުގެ އެ އަސާސް ނިހިފެހެއްޓުމަކީ އެހެން ކަމެކެވެ.

މި ގޮތުގެ މަތީން ޤުރުއާނުން ޙުއްޖަތް ދެއްކުމަށް ޓަކައި ދިވެހި އިސްލާމީ މި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި ޤުރުއާނުގެ އާޔަތެއް ކިޔަވާ ހިނދު އެ ކިޔެވުން ހުއްޓުވުމަކީ، އިސްލާމީ ނަޒަރަކުން ނުވަތަ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. މި ފަދަ ކޮންމެ ޢަމަލަކީ ޤާނޫނާ ޚިލާފު ޢަމަލެކެވެ. އެއީ ޝައިޠާނީ ޢަމަލެކެވެ. ވީމާ، އިސްލާމީ ޤައުމެއްގައި، އަދި ވަކީން ޚާއްޞަކޮށް ޤާނޫނުއަސާސީގެ މައިގަނޑު މަޞްދަރަކީ އިސްލާމް ދީންކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަ ޤައުމެއްގައި، އިސްލާމް ދީނުގެ މައިގަނޑު މަޞްދަރުން ދަލީލު ނެގުމުގެ ދޮރު ބަންދުކުރުމަކީ ޤާނޫނާ ޚިލާފު ކަމެކެވެ. ޚުދުމުޚުތާރު ބާރަކުން އެކަން ކުރިޔަސް އެއީ ޤާނޫނީ ބުރަދަނެއް ހުރި ޢަމަލެއް ނޫނެވެ. އެއީ ވަރަށް ނުރައްކާތެރި ކަމެއްގެ ފެށުމެކެވެ. އެއީ ޢަލްމާނިއްޔަތާ ދިމާއަށް ރާއްޖެ ވަރަށް ބާރަށް ދަތުރުކުރާކަމުގެ ބިރުވެރި ސިގުނަލެކެވެ.

  1. احمد

    الحمد الله