ހިމަބިހި ފެތުރިދާނެ ކަމުގެ ބިރު އެބަ އޮތް: ޑރ. ފައިސަލް
ރާއްޖޭން ނައްތާލައިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާން ކޮށްފައިވާ ހިމަބިހި ރާއްޖޭން އަނެއްކާވެސް ފެނުމާ އެކު އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ބުނެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްކަން ކަނޑައަޅާފައި ވަނިކޮށް އެ ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ އެ ބަލި ފެނުނީ ކޮން ތަނަކުންތޯ ބުނެދިނުމަށް ގޮވާލަމުންނެވެ.
އެފަދައިން ގޮވާލާ މީހުންނަށް ޓްވީޓާގައި ޖަވާބު ދިނުމުގެ ގޮތުން ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިމަބިހި ފެނުނީ މާލެސިޓީން ކަމަށެވެ. އަދި އެ ބަލި ޖެހިފައިވަނީ ދިވެއްސަކަށް ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.
އާންމު ސިއްހަތާއި ކުޑަކުދިންނާ ބެހޭ ކަންކަމުގައި ޓްވިޓަ މެދުވެރިކުރައްވައި، ވަރަށް ގިނަ މެސެޖްތައް ފޮނުއްވާ ފައިސަލް ވިދާޅުވީ އެބަލި ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރެވޭނީ "މީސްލްސް، މަމްޕްސް، ރުބެލާ" ނުވަތަ އެމްއެމްއާރު ވެކްސިން ޖަހައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދަރިފުޅުގެ ވެކްސިން ކާޑު ޗެކް ކުރައްވާ. ހަނދާންނެތިގެން ވެސް ނުޖެހި ހުރި ވެކްސިންތައް ހަމަކުރައްވާ. ވެކްސިން ނުޖަހާ ހުއްޓާ އޭގެން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެ ނަމަ އެ ކޮންޓުރޯލް ކުރެވޭނޭ ގޮތްތައް ރާއްޖޭގައި ވެސް މަދުވާނެ،" އެހެން ޓްވީޓެއްގައި އޭނާ ވިދާޅުވި އެވެ.
އެޗްޕީއޭ އިން ބުނީ ހިމަބިހި ނުވަތަ މީސްލްސް އަށް ޝައްކުވާ ފަރާތެއް ފެނުމުން، ޓެސްޓްކޮށް ބަލި ހުރިތޯ ޔަޤީން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެޗްޕީއޭ އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.