"ރާއްޖޭގައި ވެރިކަމުގެ ސިފަގެއްލި، ހިނގަމުން މިދަނީ ބަރުލަމާނީ ބާރެއްގެ ދަށުވެފައިވާ ރިޔާސީ ހަރަކާތެއް"
ރާއްޖޭގައި ވެރިކަމުގެ ސިފަގެއްލި، ހިނގަމުން މިދަނީ ބަރުލަމާނީ ބާރެއްގެ ދަށުވެފައިވާ ރިޔާސީ ހަރަކާތެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިިބް ރައީސް މުހައްމަދު ސައީދު ސިފަކުރައްވައިފިއެވެ.
ސައީދު މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ފުރަތަމަ ދެލިކޮޕީއާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވާ ކުރެއްވި ޓްވީޓުތަކެއްގައެވެ.
ސައީދު ވިދާޅުވީ ސޭފްޓޫރިޒަމް ގައިޑްލައިންގެ ނަމުގަ އަނެއްކާވެސް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަޝްވަރާނުކޮށް މަޖިލިސްއަށް ރިޕޯޓް ފޮނުވުމުން ފިތިހަލާކުވަނީ ރާއްޖޭގެ އެންމެބޮޑު ސިނާއަތް ކަމަށެވެ.
އަދި މަޖިލީހަށްވެސް، ސަރުކާރައްވެސް ހާާޒިރުކުރަނީ އެކަށީގެންވާ ވަރަށް މަސައްކަތްނުކޮށް ސަރުކާރުން ފޮނުވާފައިވާ ރިޕޯޓަކަށް ރިޔާއަތްކޮށް ކަމަށާއި އެހެންކަމުން ދެ ސަރުކާރުގެ ސިފަޖެހި ގެއްލުންވަނީ ޤައުމާއި ރައްޔިތުންނާއި މުޅި ސިނާއަތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ކޮންމެ ކަމެއްގައި ވެސް މިއަދުފެންނަމުންދާ ހަޤީގަތް. ރާއްޖޭގައި ވެރިކަމުގެ ސިފަގެއްލި، ހިނގަމުން މިދަނީ ބަރުލަމާނީ ބާރެއްގެ ދަށުވެފައިވާ ރިޔާސީ ހަރަކާތެއް. ފިތިހަލާކުވަނީ ޤައުމާއި ވިޔަފާރިތައް." ސައީދު ވިދާޅުވިއެވެ.
1. ސޭފްޓޫރިޒަމް ގައިޑްލައިންގެނަމުގަ އަނެއްކާވެސް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަޝްވަރާނުކޮށް މަޖިލިސްއަށް ރިޕޯޓް ފޮނުވުމުން ފިތިހަލާކުވަނީ ރާއްޖޭގެ އެންމެބޮޑު ސިނާއަތް.
— Mohamed Saeed (@em_saeed) May 20, 2020
ސޭފް ޓޫރިޒަމް ގައިޑްލައިންގެ ފުރަތަމަ ދެލިކޮޕީއާ މެދު މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން މަޝްވަރާ ކުރުމަށް ސައީދު ވިދާޅުވީ ރާއްޖެ އަށް އަދި ދުނިޔެ އަށްވެސް ދިމާވެގެން އުޅޭނީ އިގްތިސާދީ ކާރިސާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އަދި އަހަރުގެ ފަހުކޮޅު ފަތުރުވެރިކަމުގެ "ބޫމް" އެއް އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ފިނޭންސް މިނިސްޓަރު ދެއްވި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.