ޚަބަރު

ހިމަބިހި ޖެހުނީ ވެކްސިން ނުދީހުރި ތިން އަހަރުގެ ކުއްޖަކަށް

ދެން އެމްވީ ، ދެން އޮންލައިން

ހިމަބިހި ޖެހިގެން ފަރުވާ ހޯދި ކުއްޖާއަކީ މީސަލްސް ވެކްސިންގެ ދެޑޯޒު ފުރިހަމަ ނުކޮށް ހުރި ކުއްޖެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އުމުރުން ތިން އަހަރުގެ އެ ކުއްޖާއަށް މީސްލްސް ވެކްސިންގެ ދެ ޑޯޒް ދީފައިނުވާ ކަމަށެވެ. އެއީ އުމުރުން ނުވަ މަހާއި 18 މަހުގައި ދޭންޖެހޭ ދެ ޑޯޒެވެ. އެ ކުއްޖާގެ ހާލަތު ރަނގަޅު ކަމަށާ ބަލި ފެތުރޭ މުއްދަތު މިހާރު ފަހަނައަޅާފައިވާތީ އެ ކުއްޖާ ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މި ކުއްޖާގެ ކޭސް ދެނެގަނެވިފައި ވަނީ ރާއްޖޭގައި ގާއިމްކޮށްފައިވާ މީސްލްސް އަދި ރުބެއްލާ ސަވައިލެންސް ނިޒާމުގެ ތެރެއިން ކަމަށެވެ. މި ނިޒާމުގެ ތެރެއިން މިިދިޔަ އަހަރު 46 މީހަކު ޓެސްޓް ކޮށްފައިވާ ވެއެވެ.

އެޗްޕީއޭއިން ތިން އަހަރުގެ ކުއްޖާ ހިމަބިއްސަށް ޝައްކުވުމުން ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް އެ ކުއްޖާއާއެކު އުޅެފައިވާ ހުރިހާ އެންމެން ވެސް ޓެސްޓް ކޮށްފައިވާ ކަމަށެވެ.

ހިމަބިއްސަކީ ވައިގެ ޒަރިއްޔާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ކުދިންނަށް މި ބަލި އެހެން މީހެއްގެ ފަރާތުން ވަރަށް ފަސޭހައިން ޖެހޭނެ އެވެ.

އެ އެޖެންސީން ވަނީ އެ ކުއްޖާއަށް ހިމަބިހި ޖެހިފައިވާ ދުވަސްވަރު ޒިޔާރަތްކުރި ތަންތަނުގެ މައުލޫމާތު ވެސް ހާމަކޮށްފަ އެވެ. އަދި އެތަންތަނަށް އެ ދުވަސްތަކުގެ އެ ގަޑިތަކުގައި ޒިޔާރަތްކުރި މީހުންގެ ތެރެއިން ބަލި ޖެހުމުގެ ފުރުސަތު އޮތީ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ހަމަނުކުރާ ފަރާތްތަކަށް ކަމަށް ވަނީ ބުނެފައެވެ.

ބަޔާނުގައިވާ ގޮތުން، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކާއި އެ ސަރަހައްދުގައިި ހުރި ކެފޭތަކަށް ހަވީރުގެ ވަގުތުތަކުގައި ދިޔަ ފަރާތްތަކާއި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑު 8 އިން ފެށިގެން 11 އާ ހަމައަށް ހުޅުމާލޭ ހޮސްޕިޓަލަށް ދިޔަ ފަރާތްތަކުން ސަމާލުވާން ޖެހެ އެވެ.

އަދި، މި މަހުގެ ފަސް ވަނަ ދުވަހުގެ ހަވީރު 5 އިން ފެށިގެން ރޭގަނޑު 9 އާ ހަމައަށް ހުޅުމާލޭ ހޮސްޕިޓަލަށް ޒިޔާރަތްކުރި މީހުންގެ އިތުރުން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭގަނޑު 7 އިން ފެށިގެން 10 އާ ހަމައަށް ސެނަހިޔާއަށް ޒިޔާރަތްކުރި މީހުންނާއި މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 7 އިން ފެށިގެން މެންދަމު 2 އާ ހަމައަށް ހުޅުމާލޭ ހޮސްޕިޓަލަށް ޒިޔާރަތްކުރި މީހުންނާއި މި މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 11:30 އިން ފެށިގެން މެންދުރު 1:30 އަށް ޓްރީޓޮޕް ހޮސްޕިޓަލަށް ޒިޔާރަތްކުރި މީހުން ވެސް އެކަމަށް ސަމާލުވާން ޖެހޭނެ އެވެ.

އެ ދުވަސްތަކުގެ އެ ވަގުތުތަކުގައި އެ ތަންތަނަށް ދިޔަ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުން ވެކްސިން ޖެހުމަށާއި 21 ދުވަސް ތެރޭގައި ހުން އައުމާ އެކު ހަމުގައި ބިހި ނަގައިފި ނަމަ، ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭ އިން އެދެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!