ކުރިއެކޭވެސް އެއްގޮތަށް ރަމަޟާންމަހުގެ އިތުރުގަޑީގެ ފައިސާ ދޭން ނިންމައިފި
ކުރިއެކޭވެސް އެއްގޮތަށް ރަމަޟާންމަހުގެ އިތުރުގަޑީގެ ފައިސާ ސަރުކާރުގެ މުވައްޒަފުންނަށް ދޭން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރު މުވައްޒަފުންނާއި އެކި ފަރާތްތަކަށް ދައުލަތުން ދޭ މުސާރަ އާއި ޢިނާޔަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސަރކިއުލާއެއްގައެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރަމަޟާން މަހަކީ ޚާއްސަ މަސައްކަތު ގަޑިތަކެއް ކަނޑައެޅިފައިވާ މަހަކަށް ވާތީއާއެކު، ކުރިން އެމިނިސްޓްރީން ނެރެފައިވާ މުސާރަޔާއި އިނާޔަތްތަކާއި ގުޅޭ ސާކިއުލާގެ 6 ވަނަ ނުކުތާއަށް އަމަލުކުރާނީ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހަށް ފަހުގައި 8 ޝައްވާލުން ފެށިގެންކަމަށެވެ.
މިއާއިއެކު ޝައްވާލުމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އިތުރުގަޑީގައި ފައިސާ ކަނޑައެޅުމުގައި އަމަލުކުރާނީ މީގެ ކުރިންވެސް އަމަލުކުރަމުންދާ އުސޫލަށްކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައިވެއެވެ. އަދި ޝައްވާލު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިތުރުގަޑީގެ ފައިސާ ލިބޭނީ ވަޒީފާއައި ބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހަފްތާއަކު 48 ގަޑިއިރުގެ މަސައްކަތްކުރާ މުވައްޒިފުންނަށް އެކަނިކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ކޮވިޑް19 މި ދަތި ހާލަތުގައި ސަރުކާރުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރާތައް މިވަގުތަށް ރިވިއުކޮށް އެކި މިންވަރަށް އުނިކުރަން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.