ޚަބަރު

ސިއްޙީ ހާޅުފުޅާހެދި ރައީސް ޔާމީނަށް ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ: އަބްދުއްރަހީމް

ދެން އެމްވީ ، ދެން އޮންލައިން

ސިއްޙީ ހާލުފުޅާހެދި މިހާރު ޖަލު ހުކުމެއް ތަންފީޒ ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ސިއްޙީ ހާލުކޮޅު ވަރަށް ދަށް ކަމަށާއި ކޮޅަށް ހުރެގެން ނަމާދު ކުރަންވެސް ދަތި ކަމަށް ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވިއެއްޖެއެވެ.

Ads by STELCO

ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް ވާހަކަ ދެކެވުނަސް، އެމަނިކުފާނުގެ ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށެވެ. އެމަނިކުފާނަކީ މައިބަދައިގެ މައްސަލަ އާއި ހިތުގެ އާލާސްކަންފުޅެއް ހުރި ކަން ޑޮކްޓަރުން ލިޔުން ދެއްވާފައި އޮތް ބޭފުޅެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިވަގުތު ވެސް އަމިއްލަފުޅަށް ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ ހާލަތުގައި ހުރީ. އަޅުގަނޑަށް އެކަން އެނގޭތީ މި ދަންނަވަނީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޔާމީނަކީ "ފޭކް" ކަންތައްތަކެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި ރައީސް ނަޝީދުމެން ގޮތަށް މައިބަދަ ބިދިއްޖެ ކަމަށް ހަދައިގެން މަކަރާއި ހީލަތް ނުހައްދަވާނެ ކަމަށެވެ. އަދި އެކަނިކުފާނަކީ ކަންކަން އަމިއްލައަށް މެނޭޖް ކުރައްވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ނަޝީދުމެން ޖަލަށްލީމަ ވެއްޓޭހެން މައިބަދަ ބިންދައިގެން ހިނގައްޖެ ކަމަށް ހަދައިގެން، އެގޮތަށް މަކަރު ހީލަތް ހަދައިގެން ރައީސް ޔާމީން ޝަކުވާއެއް ނުކުރައްވާނެ. އެމަނިކުފާނު އަމިއްލަފުޅަށް ކަންތައްތައް މެނޭޖް ކުރަން އެނގިވަޑައިގަންނަވާ. ކެތްތެރި ސާބިތު ލީޑަރެއް ރައީސް ޔާމީނަކީ،" ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް ވިދާޅުވިއެވެ. "ނަމަވެސް އެމަނިކުފާނު މިއަދު ޖަލުގައި އެ ހޭދަކުރައްވަނީ ވަރަށް ހިތްދަތި ކަމާ އެކީގައި. ވަރަށް ހިތާމަވެރިކަމާ އެކީގައި. އަދި ސިއްހީ ގޮތުން އަޅުގަނދު ދަންނަވާނީ މިވަގުތު އެންމެ ރަނގަޅެއް ނޫނޭ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނުވާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުގެ އެބަހުރި ކަމަށެވެ. އެހެންވެ، މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް ވެސް އަބްދުއްރަހީމް ސަރުކާރުގެ ކިބައިންވަނީ އެދިފަވެ. މިގޮތުން ވިދާޅުވީ ޔާމީން ޖަލުގައި ހުންނެވީ ޖިނާއީ ކުށެއް ކުރައްވައިގެންނެއް ނޫން ކަމަށާއި ރައީސް ޔާމީންނަކީ ސިޔާސީ ހައްޔަރީއެއެއް ކަމަށެވެ.. އަދި މިއީ ސަރުކާރުން ނުފޫޒު ފޯރުވައި ޔާމީންގެ މައްޗަށް އިއްވި ހުކުމެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މި މީހުންނަކަށް އަޑެއް ނީވޭ. އަޅުގަނޑުމެން ވެރިކަމުގައި ތިބިއިރު ޖަމިއްޔާއަކުން ރިޕޯޓެއް ނެރެފިއްޔާ އެއަށް އަމަލުނުކޮށްގެން ހެސްކިއާފައި މީހުން ޕްރެޝަރު ކުރޭ. ކޮބައިތޯ އދ. މަޖިލިހުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތުން ގޮވާލި ގޮވާލުން. އެ އިލްތިމާސް އަށް ކިހާ ވަރަކަށް އަމަލު ކުރިތޯއެ؟ ޖަމިއްޔާ އިން އެބައޮތް ގޮވާލާފައި ކޮވިޑްގެ ނުރައްކާތެރިކަމާ ގުޅިގެން ޖަލުތަކުގައި ތިބި މީހުންނަށް ލުއިދޭށޭ. ހާއްސަކޮށް ސިޔާސީ ހައްޔަރީން ދޫކޮށްލާށޭ. އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީނަކީ ސިޔާސީ ހައްޔަރީއެކޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!