އަންނަ ހަފުތާގައި އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ފަށަނީ
އަންނަ ހަފުތާ ގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެއްޖެ އެވެ.
އަފްއާލް ވިދާޅުވީ ކޮވިޑަށް ކުރެވޭ ޓެސްޓުތައް ކުރިއަށްގެންދާނެ ގޮތަކާ ގޮތަކާ މެދު ސަރުކާރާ މަޝްވަރާކުރަމުން އަންނަ ކަމަށާއި މި ހާލަތުގައި ޓެސްޓުތައް ކުރަންޖެހޭނީ ހަރުދަނާ އުސޫލެއްގެ ތެރެއިން ކަމަށްވާތީ، ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
އަދި ހޮނިހިރު ނުވަތަ އާދިއްތަ ދުވަހު ޓެސްޓުތައް ހަދަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހޮސްޕިޓަލަށް ވިހެއުމަށާއި ސާޖަރީތަކަށް އަންނަ މީހުން ގެ އަލާމާތްތައް ހުރިނަމަ ޓެސްޓުކުރެވޭނެ ގޮތް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ޓެސްޓު ހެދުމަށް ބޭނުންވާ ޕީސީއާރު ސިސްޓަމެއް އޭޑީކޭ ގައި ބަހައްޓާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އޭޑީކޭ އިން އަލަށް އިންސްޓޯލް ކުރާ ޕީސީއާރު މެޝިނުން ކޮވިޑް-19 ގެ 500 ޓެސްޓް ދުވާލެއްގެ މައްޗަށް ހެދޭނެއެވެ.
މިހާރު ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރެވެނީ އައިޖީއެމްއެޗް އާއި ފުލުހުންގެ ފޮރެންސިކްގައި ހުންނަ މެޝިނަކުން އެކަންޏެވެ. މި ދެ ތަނުން ދުވާލެއްގެ މައްޗަށް ހެދެނީ 400 އެއްހާ ޓެސްޓެވެ. ސަރުކާރުގެ އަމާޒަކީ އެ އަދަދު 1،000 އަށް އިތުރުކުރުމެވެ.