ލައިފްސްޓައިލް

ވިސްނުންތޫނު މީހަކަށް ވާން ބޭނުންތަ؟ އަވަހަށް މި ތަކެތި ކާން ފަށާ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ވިސްނުން ތޫނު ކުރުމަށްޓަކައި ކުރެވިދާނެ ހަމައެކަނި ކަންކަމަކީ ޕަޒުލްތައް ރޭވުމާއި ރާޒުވާ ކުޅުމެއް ނޫނެވެ. މިފަދަ ކަންކަން އެކަނި ކުރިއަކަސް އަދި ވިސްނުން ތޫނެއް ނުވާނެއެވެ. ވިސްނުން ތޫނު ކުރުމަށްޓަކައި  ކާއެއްޗެއްސަކީ ވެސް ވަރަށް މުހިންމު ރޯލެއް އަދާ ކުރާ އެއްޗެކެވެ. އެގޮތުން ވިސްނުން ތޫނު މީހަކަށް ވާން ބޭނުންނަމަ ކެވިދާނެ ބައެއް އެއްޗެއްސަށް ނަޒަރު ހިންގާލަމާ ހިނގާށެވެ.

Ads by Sosun Fihaara

ރީނދޫ

ރީނދުލަކީ އޭގެ ސަބަބުން ސިކުޑީގެ ހާސްކަމާއި ކަންބޮޑުވުންތައް ފިލުވައިދޭ އެއްޗެކެވެ. އަދި ހަމަ އެހެންމެ ހަނދާން ނެތުން ފަދަ ބަލިތަކުން އިންސާނާ ރައްކާތެރި ކޮށްދޭ އެއްޗެކެވެ. ޗައިނާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ލީ ވިދާޅު ވަނީ ރީނދުލަކީ ހަމައެކަނި ރިހަ ކައްކަން ބޭނުން ކުރާ އެއްޗެއް ނޫން ކަމަށެވެ. ރީނދުލުން ތަފާތު ވައްތަރުގެ ބުއިންތަކާއި ތަފާތު ވައްތަރުގެ ކެއުންތައް ވެސް ތައްޔާރު ކުރެވިދާނެ ކަމަށް ވެއެވެ.

ޓޮމާޓޯ

ޓޮމާޓޯގައި ހިމެނޭ މާއްދާއެއް ކަމަށްވާ ލައިކޯޕީންގެ ސަބަބުން ދަސްކުރުމުގެ ބާރު ގަދަކޮށްދީ އަވަހަށް ހަނދާން ނެތުމުން ދުރުކޮށްދެއެވެ. ޓޮމާޓޯއާ ބެހޭ ގޮތުން މީހުން ދަައްކާ ތަފާތު ވާހަކަތައް އަޑު ނާހާ ޕާސްތާ ފަދަ އެއްޗަކަށް އަޅައިގެން ޓޮމާޓޯ ކެއުމަށް ޑޮކްޓަރުން ލަފާދެއެވެ. އަދި ކުދިކޮށް ހުންނަ "ޗެރީ ޓޮމާޓޯ" އަކީ ވަރަށް ގިނައިން ލަކޯޕީންގެ މާއްދާ ހިމެނޭ އެއްޗެއް ކަމަށް ވެސް ސިއްހީ މާހިރުން ވިދާޅުވެއެވެ.

އާފަލު

އާފަލު ކެއުމުން ލިބޭ ޖިސްމާނީ ފައިދާތަކާ ބެހޭ ގޮތުން ގިނަ ބަޔަކު ވާހަކަ ދައްކައެވެ. ނަމަވެސް އޭގެ ސަބަބުން ނަފްސާނީ ގޮތުން ހަށިގަނޑަށް ލިއްބައިދޭ ފައިދާތަކާމެދު ވާހަކަ ދައްކާ މީހުން މަދެވެ. ނަމަވެސް އެކަކު އެވާހަކަ ނުދެއްކި ކަމުގައި ވިޔަސް ހަގީގަތަކީ އާފަލުގެ ސަބަބުން ނަފްސާނީ ގޮތުން ވެސް އެތައް ފައިދާތަކެއް ވާ ކަމެވެ. އަދި ގަވައިދުން އާފަލު ކެއުމަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑިއަށް ދިމާވާ ހަނދާން ނެތުން ފަދަ ކަންކަމުން ރައްކާތެރިކޮށްދީ ދުރުކޮށްދޭ ކަމެކެވެ. ހަމަ އެހެންމެ އެއީ ހަނދާން ހުރުމުގެ ބާރު ގަދަކޮށްދޭ ކަމެއް ވެސް މެއެވެ.

ބަަރަބޯ އޮށް 

ބަރަބޯ އޮށަކީ ހަނާ ކޮށްގެން ކެއުމަށް ގިނަ ބަޔަކު ފޯރި ހުންނަ އެއްޗެކެވެ. ނަމަވެސް ބަރަބޯ އޮށުގެ ސަބަބުން ހަށިގަނޑަށް ލިއްބައިދޭ ފައިދާ އެނގެނީ ކިތައް މީހުންނަށް ބާވައެވެ. ބަރަބޯ އޮށަކީ އޭގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް ނޭދެވޭ އަސަރު ކުރާ ކަންކަމުން ދުރުކޮށްދޭ އެއްޗެކެވެ. އަދި ބަރަބޯ އޮށަކީ އޭގައި ގިނަ އަދަދަކަށް ސިކުނޑިއަށް ފައިދާވާ މާއްދާތައް އެކުލެވޭ އެއްޗެކެވެ.

އޮރެންޖު 

އޮރެންޖަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ އެއްޗެކެވެ. އަދި އޭގެ ސަބަބުން އަލްޒައިމާ ފަދަ ހަނދާން ނެތުމުގެ ނުރައްކާތެރި ބަލިތަކުން ސަލާމަތް ކޮށްދެއެވެ. އަދި މީގެެ އިތުރުން ވެސް އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑިއަށް އަދި ނަފްސާނީ ގޮތުން ޖެހޭ ބަލިތަކުން ސަލާމަތް ކޮށްދޭ އެއްޗެކެވެ.

ވިސްނުން ތޫނު މީހަކަށް ވުމަކީ ކޮންމެ މީހަކު ވެސް ބޭނުން ވާނެ ކަމެކެވެ. ނަމަވެސް ވިސްނުން ތޫނު ކުރުމަށް ޓަކައި ކޮންމެ ކޮންމެ އެއްޗެއް ކައިގެންނެއް ކަމަކު ނުދާނެއެވެ. ވިސްނުން ތޫނު ކުރުމަށްޓަކައި މި 5 ކާނާގެ އިތުރުން ވެސް އެތައް ކާނާތަކެއް ހުންނާނެއެވެ. އެހެންކަމުން ވިސްނުން ތޫނު މީހަކަށް ވާން ބޭނުންނަމަ ހަމައެކަނި ރާޒުވާ ނުކުޅެ ކެއުމަށް ވެސް ބަލާލަން އެބަ ޖެހެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!