ޚަބަރު

މަސްވެރިންގެ ޕާކްގައި ހެދި ޓޫރިސްޓް ޓާމިނަލް ސިޓީ ކައުންސިލާ ހަވާލުކޮށްފި

މާލޭ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން އެމްޑަބްލިއުއެސްސީން މާލޭގެ މަސްވެރިންގެ ޕާކްގައި ގާއިމްކުރި ޓޫރިސްޓް ޓާމިނަލް ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގެ ސީއެސްއާރްގެ ދަށުން ހަދައިދިން އެ ޓާމިނަލް ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވީ މިއަދު އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެތަން ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން އެއްވެސް ހޭދައެއް ނުކުރާނެ ކަމަށާއި އެތަން ހިންގާނީ ވިޔަފާރި މޮޑަލަކަށް ކަމަށެވެ.

މާލެއަށް އަންނަ ޓޫރިސްޓުންނަށް ފާޚާނާކޮށް ފެންވެރޭނެ އިންތިޒާމް އެތަނުގައި ހަމަޖެހިފައިވާއިރު، އެކަންކަމަށް ފީއެއް ނަގާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

"އެތަނުން ޓޫރިސްޓުންނަށް މައުލޫމާތު ވެސް ފޯރުކޮށްދޭނެ،" ޝިފާ ވިދާޅުވިއެވެ.

މޭޔަރު ޝިފާ ވިދާޅުވީ މޫސުން ރަނގަޅުވުމުން އެތަން ހުޅުވުމުގެ ރަސްމިއްޔާތު ގުލަގަދަކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލްގެ ވިސްނުން ހުރީ ކުރިއަށް އޮތްތަނުގައި އެ ޓާމިނަލްގައި ގެސްޓް ރިލޭޝަންސް މީހުން ބިނާކުރަން ކަމަށާއި އެއީ ދިވެހި ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!