މެލޭޝިއާއަށް ދާ މީހުން ކަރަންޓީނުގައި ތިބެން ހަރަދުވާ އަގު ދައްކަން ޖެހޭ ގޮތަށް ހަދައިފި
އަންނަ މަހުގެ ފެށިގެން މެލޭޝިއާއަށް ދާ މީހުން ކަރަންޓީނުގައި ބައިތިއްބަން ހަރަދުވާ ފައިސާގެ މިންވަރު އެމީހަކު އަމިއްލައަށް ދައްކަން ޖެހޭނެ ގޮތަސް ހަމަޖައްސައިފިއެވެ.
މެލޭޝިއާގެ ޑިފެންސް މިނިސްޓަރު އިސްމާއީލް ސަބްރީ ޔައުގޫބް ވިދާޅުވީ އަންނަ މަހުން ފެށިގެން މެލޭޝިއާއަށް ދާ އެގައުމުގެ އަމިއްލަ ރައްޔިތުން ކަރަންޓީނަށް ދޭން ޖެހޭނީ އެކަމަށް ހަރަދުވާ މިންވަރުގެ ދެބައިކުޅަ އެއްބަޔެވެ. އަދި އެހެން ގައުމުތަކުގެ މީހުން ކަރަންޓީނަށް ހަރަދުވާ އަގު އެއްކޮށް ދައްކަން ޖެހޭނެ ކަމަށާއި އޭގެ ތެރޭގައި މެލޭޝިއާގެ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ މީހުންނާއި އާއިލާގެ މެމްބަރުންވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މެލޭޝިއާއަށް ދާ މީހުން އެގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް މަޑުކުރަން ޖެހޭނެއެވެ. އަދި ކަރަންޓީނަށް ދުވާލަކަށް ހަރަދުވާނެ ކަމަށް ބެލެވެނީ މަދުވެގެން 150 ރިންގިޓް (34.53 ޑޮލަރު) ކަމަށް މެލޭޝިއާގެ އެމްބަސީތަކުން ވަނީ ބުނެފަ އެވެ.
ސަބްރީ ޔައުގޫބް ވިދާޅުވީ އަންނަ މަހުގެ އެކަކުން ފެށިގެން މެލޭޝިއާއަށް ދަތުރު ކުރެވޭނީ ކަރަންޓީނުގެ ހަރަދުތައް ދައްކާނެ ކަމަށް އެއްބަސްވާ ލިޔުމެއްގައި ސޮއި ކުރާ މީހުންނަށް ކަަމަށެވެ.
ލިޔުމުގައި ސޮއި ކުރުމުގެ ކަންތައް އެމްބަސީތަކާއި ހައިކޮމިޝަންތަކުން ކުރެވޭނެ ކަމަށް ޔައުގޫބް ވިދާޅުވި އެވެ.
މެލޭޝިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އިއުލާން ކުރި މޫވްމެންޓް ކޮންޓްރޯލްގެ އޯޑާ (އެމްސީއޯ)ގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް އެގައުމުން ވަނީ މި މަހުގެ ކުރީކޮޅު ލުއި ދޭން ފަށާފަ އެވެ.