"ޔާމީން ޖަލުގައި ހުންނެވުމަކީ އެމްޑީޕީން ޝަރުއީ ނިޒާމް ހިސޯރުކޮށް ހިންގި ބަދަލު ހިފުމުގެ އަމަލެއް"
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމަކީ އެމްޑީޕީން ޝަރުއީ ނިޒާމް ހިސޯރުކޮށް ހިންގި ބަދަލު ހިފުމުގެ އަމަލެއް ކަމަށް ކުރީގެ ނައިބް ރައީސް އަދި ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅު ވެއްޖެއެވެ.
ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ ގައުމު ލަދު ގަންނަން ޖެހޭ ކަމެއް ކަމަށާއި، އެއީ ނިޒާމްތައް އިސްލާމު ކުރުމުގެ ނަމުގައި ވެރިކަމަށް އައި އެމްޑީޕީން ޝަރުއީ ނިޒާމު ހިސޯރުކޮށްގެން ހިންގި ބަދަލު ހިފުމުގެ އަމަލެއް ކަމަށެވެ.
"ރައީސް ޔާމީން އަށް އުފަން ދުވަހުގެ ތަހްނިޔާ އަރިސްކުރަނީ ލަސްނުވެ ރައްޔިތުންނާ ބައްދަލުވާނެ ކަމުގެ ޔަގީން ކަމާއެކު." ޖަމީލު ވިދާޅުވިއެވެ.
Raees Yameen jalugai hunnevumakee qaum ladhu gannan jehey kameh. Eiy nizaam thah islaahkurumuge namugai verikamah ai MDP in sharuee nizaam hisoarukoh hingi badhal hifumuge amaleh. RY ah ufandhuvahuge thahniya ariskuranee las nuve rayyithunnaa bahdhalvaane kamuge yaqeen kamaaeku. pic.twitter.com/iIIxjXsnXR
— Mohamed Jameel Ahmed (@MJameelAhmed) May 20, 2020
މިއަދަކީ ރައީސް ޔާމީންގެ 61 ވަނަ އުފަން ދުވަހެވެ. އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ވަނީ ބަޔާނެއް ވެސް ނެރެފައެވެ.
އެ ބަޔާނެއްގައި ބުނީ، އެމަނިކުފާނުގެ އުފަން ދުވަސް ފާހަގަކުރަމުންދާއިރު މުޅި ގައުމު އެދި ގޮވަމުން ދަނީ އެމަނިކުފާނުގެ ހިދުމަތަށް ކަމަށެވެ. އަދި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
ކޯލިޝަނުން ބުނީ ރައީސް ޔާމީން މިނިވަންކޮށް، ގައުމުގެ ހުންގާނު އެމަނިކުފާނާ ހަވާލު ކުރަށް އެ ކޯލިޝަނުން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަކޮށް އެ މަސައްކަތުގެ މަތީގައި ސާބިތުވެ ތިބޭނެ ކަމަށެވެ.
މީގެ އިތުރުން ހައިކޯޓުގައި އޮތް ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް އަވަސްކޮށް، އެމަނިިކުފާނު ގޭބަންދަށް ބަދަލުކުރުމަށް އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.