ކުޅުދުއްފުށީ ސިޓީގެ ދާއިރާތަކަށް ޝަކުވާއަށް ހުޅުވާލައިފި
ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާންމުކޮށް އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިރޭ 21:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިހާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި އެ ކޮމިޝަންގެ އީ-މެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.
ކުޅުދުއްފުށީގެ ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ރޭ އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ސިޓީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެންބަރުން އިންތިހާބު ކުރާ ދެ ދާއިރާ ގުރުއަތުން ހޮވައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ނެގި ގުރުއަތުން، އެ ހަ ދާއިރާގެ ތެރެއިން އަންހެން މެންބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި ހޮވުނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާއެވެ.