ދެ ދުވަސްވީ ކުއްޖަކު ކޮވިޑް-19 ޖެހިގެން ސައުތު އެފްރިކާ އިން މަރުވެއްޖެ
ވިހޭތާ ދެ ދުވަސްވީ ކުއްޖަކު ކޮވިޑް-19 ގައި ސައުތު އެފްރިކާ އިން މަރުވެއްޖެ އެވެ.
ބެލެވޭ ގޮތުގައި މިއީ ކޮވިޑް-19 ގައި އެފްރިކާ އިން މަރުވި އުމުރުން އެންމެ ހަގު ކުއްޖާ އެވެ. އިނގިރޭސި ވިލާތުގައި މި މަހު 5 ވަނަ ދުވަހު ވަނީ ކޮވިޑް-19 ޖެހިގެން އުމުރުން ތިން ދުވަސްވީ ކުއްޖަކު މަރުވެފަ އެވެ. އެ ކޭސްގައި މަންމަ އާއި ދަރިފުޅު ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ ވިހެއުމަށް ފަހު އެވެ.
ސައުތު އެފްރިކާގައި އުފަންވި ކުއްޖާގެ މަންމަ އަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. ދުވަސް ނުފުރާ ވިހެއި އެ ތުއްތު ކުއްޖާ ޕޮޒިޓިވްވިއިރު ނޭވާލުމަށް އެ ކުއްޖާ ވެންޓިލޭޓަރަށް ލާން ޖެހުނު ކަމަށް ސައުތު އެފްރިކާގެ ހެލްތު މިނިސްޓަރު ޑރ. ޒުވެލީ މުޚިޒެ ވިދާޅުވި އެވެ.
ސައުތު އެފްރިކާ އިން 18،003 މީހުން ޕޮޒިޓިވްވިއިރު އެ ގައުމުން ވަނީ 339 މީހުން މަރުވެފަ އެވެ. އެ ގައުމުގައި ހަދާފައިވާ ޕްރޮޖެކްޝަން މޮޑެލް އިން ދައްކާ ގޮތުން ކުރިއަށް އޮތް މަސްތަކުގައި ކޮވިޑް-19 ގައި 40،000 މީހުން މަރުވެދާނެ އެވެ.