ޚަބަރު

މައުމޫން ވިދާޅުވަނީ މިހިނގާ ރަމަޟާން މަހަކީ 30 ދުވަހުގެ މަހެއް ކަމަށް!

ދެން އެމްވީ ، ދެން އޮންލައިން

މިހިނގާ ރަމަޟާން މަހަކީވެސް 30 ދުވަހުގެ މަހެއް ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ކަމަށް ކުރީގެ ރައޫސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން ވިދާޅުވީ އާންމުކޮށް ބަލާއިރު ހިޖްރީ މަހެއްގައި 30 ދުވަސް ހިމެނިއްޖެ ނަމަ، ދެން އަންނަ މަހެއްގައި ހިމެނޭނީ 29 ދުވަސް ކަމަށެވެ. އެހެންނަމަވެސް، ބައެއް ފަހަރު 29 ދުވަހުގެ ދެ މަސް ވިދިވިދިގެން އަތުވެދާނެ ކަމަށާއި ނުވަތަ 30 ދުވަހުގެ ދެ މަސްވެސް ވިދިވިދިގެން އަތުވެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ދުރު ތަރިތަކަށް ނިސްބަތް ކުރާނަމަ، ހަނދު އޭގެ ފަލަކުގައި ބުރެއް ޖަހަނީ، 27.32 ދުވަހުން ކަމަށާއި މިއީ ހަނދުގެ ސައިޑީރިއަލް މަހެއްގެ ދިގުމިން ކަމަށެވެ. އަދި އިރަށް ނިސްބަތް ކުރާނަމަ، ހަނދު މަހެއްގެ ދިގުމިނަކީ 29.53 ދުވަހުން ކަމަށާއި މިއީ ހަނދުގެ ސިނޮޑިކް މަހެއްގެ ދިގުމިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަނދު މަހެއް ފެށެނީ، ހިނގާ ހަނދު މަހުގެ 29 ދުވަސް ހަމަވެ، އެދުވަހުގެ އިރުއޮއްސުމަށްފަހު ހަނދު ނޯއްސި ހުރިނަމަ، އެވަގުތުން ފެށިގެން. ނުވަތަ 30 ދުވަސް ހަމަވުމުން. ހިނގާ ހަނދުމަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސިއްޖެނަމަ، އެމަސް ވާނީ 30 ދުވަހުގެ މަހަކަށް." މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ މި ހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހަކީ، މި ހިނގާ މޭ މަހުގެ 22 ވާ ހުކުރު ދުވަސް ކަމަށާއި ފަލަކީ ހިސާބުން ދައްކާ ގޮތުގައި، އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ހުރިހާ އިސްލާމީ ޤައުމުތަކަށް ހަނދު އޮއްސޭ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!