ލޯބި ވެރިޔާއާ މައްސަލަ ޖެހިގެން، އަމިއްލައަށް މަރުވާން މަސައްކަތް ކުރި މީހަކު އައިސީޔޫގައި
ގ.އަތޮޅުގެ ރަށެއްގައި އޯވަރ ޑޯސް ވާވަރަށް ބޭސް ކެއި މީހަކަަށް އައިސީޔޫގައި ފަރުވާދެމުން އެބަދެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމީހާ ބޭސް މިގޮތަށް ކެއީ ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގެ ސަބަބުންނެެވެ. މިކަމާ ގުޅޭ މަޢުލޫމާތު ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައިއެއް ނުވެއެވެ.
އަމިއްލަ ނަފްސަށް ގެއްލުން ދިނުން ދީނީ ނަޒަރަކުން
އަމިއްލަށް މަރުވުމަކީ އިސްލާމްދީނުގައި މާތްﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އެކަމަށް މަގުފަހިވާނެ ސަބަބުތައްވެސް ވަނީ ޙަރާމްކުރައްވާފަ އެވެ.
ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ، އެންމެ ކުޑަމިނުން، މި ޙަޔާތާ ވަކިވެގެން ދިއުމަށް އަމިއްލައަށް މަރުވުމަށް އުންމީދުވެސް ނުކުރުމަށެވެ. ފަހުޒަމާނުގައި، މަރުވާން އެދޭ މީހުން ގިނަވާނޭ ކަމުގެ ޚަބަރު، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މިއުއްމަތަށް ވަނީ ދެއްވާފަ އެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. ” لاَ تَقُومُ السَّاعَةُ حَتَّى يَمُرَّ الرَّجُلُ بِقَبْرِ الرَّجُلِ فَيَقُولُ يَا لَيْتَنِى مَكَانَهُ” (ރިވާކުރެއްވީ: ބުޚާރީ އާއި މުސްލިމު) މާނައީ، “މަރުވެފައިވާ މީހެއްގެ މަހާނަކައިރިން ލާފައި ދަމުން، “މީނާ މިއޮތް ތަނުގައި ތިމަންނާ ވާނެ ނަމައޭ” ބުނާ މީހުން ފާޅުވެއްޖައުމަށްދާންދެން ޤިޔާމަތް ދުވަހެއް ނާންނާނެ އެވެ.” މި ޙަދީޘް ބަސްފުޅުގެ ތެދުކަން މިއަދު މިދަނީ ސާބިތު ވަމުންނެވެ. އެހެނީ ދަންޖެހި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މިދަނީ އިތުރު ވަމުންނެވެ.
ނަފްސުމަރާލުމަށްފަހު ދުނިޔެއިން ފިލައިދާން މަސައްކަތްކުރާ އިންސާނާ އިތުރު އެކަލޭގެފާނުގެ މިޙަދީޘްފުޅަށް ނިކަން ފިކުރުހިންގަވާށެވެ.
” مَنَ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِى يَدِهِ يَتَوَجَّأُ بِهَا فِى بَطْنِهِ فِى نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ شَرِبَ سَمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِى نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِى نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا
” މާނައީ، “ހަތިޔާރަކުން އެމީހެއްގެ ނަފުސު އަމިއްލައަށް ޤަތުލުކޮށްފި މީހާ، އެ ހަތިޔާރުން އޭނާގެ ނަފުސު ޤަތުލުކޮށްކޮށް ހުންނަ ޙާލު ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެއެވެ. އަދި އަމިއްލައަށް ޒަހަރެއް ބޮއިގެން މަރުވެއްޖެ މީހާ، އެ ޒަހަރު ބޮއިބޮއި ހުންނަ ޙާލު ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެއެވެ. އަދި ފަރުބަދައެއްގެ މަތިން ވެއްޓިގެން އޭނާގެ ނަފުސު ޤަތުލުކޮށްފި މީހާ ފަހެ، ނަރަކައިގެ އަލިފާން ފަރުބަދައަކުން ވާދީއަކަށް ތަކުރާރުކޮށް ވެއްޓެމުންދާ ޙާލު ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެއެވެ.”
ކީރިތި ޤުރްއާނުގައި އަމިއްލައަށް މަރުވުން ޙަރާމްކަމެއްކަން ބަޔާންކުރައްވާ އަހަރެމެންގެ ހަށިގަނޑަށް ރަޙުމްބަހައްޓަންވާނެކަން އަންގަވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.” وَلاَ تَقْتُلُواْ أَنفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا” (އައްނިސާ: 29) މާނައީ، “އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ޤަތުލުނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމުވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެ އެވެ.” ތިބާ ދުނިޔޭގައި ތިޔައުފުލަމުންދާ ތަކުލީފުތައް މާތްﷲ ސުބުޙާނަހޫވަތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. މިދުނިޔޭގައި ތިބާއަށް ބޭއިންސާފުން ކަންވަމުން ދިޔައަސް ތިބާގެ ނަފްސު މަރާލައި ނުބައިމަގަށް ހުށަހޮޅިނުގަންނާށެވެ.