ޚަބަރު

ޑޮކްޓަރ އަށް ނުދެއްކި މަންމަގެ ކޮނޑުމައްޗަށް ރާއްޖޭގައި 4 މަހުގެ ކުއްޖަކު ނިޔާވެއްޖެ

ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހަމަނުޖެހި ރާއްޖޭގައި އުމުރުން ހަތަރު މަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެ އެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެކުއްޖާ ނިޔާވެފައި ވަނީ، ހާލު ދެރަވެގެން ފަރުވާދެވޭނެ ގޮތެއް ހަމަނުޖެހިގެން އުޅެނިކޮށް އެކުއްޖާގެ މަންމަގެ ކޮނޑުމައްޗަށެވެ. ނިޔާވެފައިވަނީ ފިރިހެން ކުއްޖެއް ކަމަށް ޢާއިލާއާ ހަވާލާދީ އެ ނޫހުން ރިޕޯޓް ކުރެއެެވެ.

މި ހާދިސާ އާއި ގުޅޭގޮތުން އެނޫހަށް މަޢުލޫމާތު ދިން ފަރާތަކުން ބުނެފައި ވަނީ، ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރަށް ދެއްކޭގޮތް ހަމަނުޖެހުނީ އެވަގުތު ހޮސްޕިޓަލުގައި ޑޮކްޓަރަކު ނެތުމުންނެވެ.

"ހޮސްޕިޓަލުން ބުނީ އެވަގުތު ޑޮކްޓަރެއް ނެތްކަމަށް، ހެނދުނު ވަންދެން މަޑުކޮށްލަން އެދުނީ. އެކުއްޖާ ނިޔާވީ އެގޮތަށް އެތަނުގައި ތިއްބައި" ވަގުތު ނޫހުގައި ބުނެފައިވެއެވެ.

އިތުރަށް އެމީހާއާއި ހަވާލާދީ ބުނެފައިވަނީ އެކުއްޖާ ނިޔާވީ ގާތުންކިރު ނުބޮއެ ރޯތީ ވީގޮތެއް ބަލަން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހަމަނުޖެހި ގިނައިރުތަކެއްވެ، "ރޮއެރޮއެ އޮއްވާ" މަންމަގެ ކޮނޑުމައްޗަށް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!