"އެންމެ އަވަހަށްވެސް ސުކޫލަތައް ހުޅުވާނީ އަންނަ މަހުގެ 14 ވަނަ ދުވަހު"
ސްކޫލްތައް އެންމެ އަވަހަށްވެސް ހުޅުވާނީ ކުރިއަތް އޮތް ސްކޫލް ބަންދަށްފަހުގައިކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.
އެންއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ސްކޫލްތައް ހުޅުވާނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ކޯވިޑް-19ގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި ސްކޫލްތައް ހުޅުވެންވާއިރަށް 3 ސިނާރިއޯއަކަށް ބަލާ ޕްލޭންތަކެއް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވަކާމަށާއި އެ ޕްލޭންތަކުގެ ތެރެއިން ޢަމަލު ކުރާނެ ޕްލޭނެތް ނިންމާނީ ޓެގް ޓީމާއި ޑޮކްޓަރުންގެ މަޝްވަރާގެ މަތިންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން ސްކޫލްތައް ހުޅުވާނެކަމަށް ލަފާކުރެވެނީ އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ދެވަނަ ސެމިސްޓަރާއެކުގައެވެ.
"އެ ޕްލޭންތަައް ފައިނަލް ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދަނީ. އެންމެ އަވަހަށްވެސް ސްކޫލްތައް ހުޅުވާނީ ކުރިއަށްއޮތް ސްކޫލް ބަންދަށް ފަހުގައި."މަބްރޫކް ވިދާޅުވިއެވެ.
ސްކޫލްތައް ހުޅުވުމަށް މަސައްކަތް ކުރަމުންދާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ ހަފްތާގައި "ޓެލިކިލާސްތައްވެސް ފެށުމަށް ނިންމާފައެވެ. އަދި މިއަހަރުގެ ބާކީބައިގައި ކިޔަވައިދޭނީ ގްރޭޑްތަކަށް ކަނޑައަޅާފައިވާ ސިލަބަހަށް ބަދަލުގެނެސް އޭގައި ހިމެނޭ އެންމެ މުހިންމު ބައިތައް ހިމަނައިގެންކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
އެގޮތުން ސިލަބަސްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ސްކޫލުތަކަށް އަންގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ވެބްސައިޓަށް މިހާރު ވަނީ އަޕްލޯޑްކޮށްފައެވެ. ސިލަބަސް ކަވަރކުރުމަށްޓަކައި ކޮންޓެންޓަށް ބަދަލުތަކެއް އައިނަމަވެސް ހުރިހާ މާއްދާއެއްވެސް ކިޔަވައިދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ހާލަތާއު ގުޅިގެން އަންނަ އައު ޢާއްމު ޙާލަތުގައި ސްކޫލުތަކުގައި ކިޔެފުން ފެށޭއިރު ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކިޔަވައިދޭން ޖެހިދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ ވިދާޅުވެފައެވެ. އެގޮތުން އައު ޢާއްމު ޙާލަތުގައި ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމުގެ ޕްލޭންތައް މިހާރު ހަދަމުންދާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މި ޙާލަތުގައި ކިޔަވައިދޭއިރު ދަރިވަރުން ސްކޫލުގައި ހޭދަކުރާ ވަގުތު ކުޑަވާނެކަމަށާ ގިނަ ވަގުތު ހޭދަކުރާނީ ޑިސްޓެންސް މޯޑުގައި ނުވަތަ ގައިދުރުކޮށް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިހާރު މާލޭގެ ގިނަ ސްކޫލްތައް ދެ ދަންފަޅިއަށް ކިޔަވައިދެމުންދާއިރު އެ ސްކޫލްތަކުގައި 2000 އަށްވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އެހެންނަމަވެސް މިގޮތަށް ހަތަރު ދަންފަޅިއަން ކިޔަވައިދޭން ފަށައިފިނަމަވެސް އެކުދިން ސްކޫލްގައި ކިޔަވަމުންދާނީ ދުރުދުރުގައި މޭޒުތައް ބަހައްޓައިގެންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.