އެމެރިކާގެ 11 ރައީސުންނަށް ޚިދުމަތް ކުރި، ވައިޓްހައުސްގެ ކުރީގެ މުވައްޒަފަކު ކޮވިޑް-19 ގައި މަރުވެއްޖެ
އެމެރިކާގެ 11 ރައީސުންނަށް ޚިދުމަތް ކުރި، ވައިޓްހައުސްގެ ކުރީގެ މުވައްޒަފަކު ކޮވިޑް-19 ގައި މަރުވެއްޖެއެވެ. 91 އަހަރުގެ ވިލްސަން ޖަރމަން ނަމަކަށް ކިޔާ މި މީހާއަކީ ސާފުކުރާމީހެއްގެ ވަޒީފާއިން ފެށިގެން ރައީސް ގެ އަރިސް އެހީތެރިއެއްގެ އިތުރުން ވަރަށް ގިނަ ވަޒީފާ އަދާ ކުރި މީހެކެވެ. ކޮވިޑް-19 ގައި ވިލްސަން މަރުވިކަން އެމެރިކާގެ މީޑީޔާތަކުން އާންމު ކުރީ މިދިޔަ ބުދަ ދުވަހުއެވެ.
1957 އިން ފެށިގެން 2012 އަށް ވައިޓްހައުސް ގައި ވަޒީފާ އަދާ ކުރި ވިލްސަން އަކީ އެންމެ ދިގު މުއްދަތަކަށް ވައިޓް ހައުސްގައި ވަޒީފާ އަދާ ކުރި މީހުންގެ ތެރެއިން އެކެކެވެ. އާއިލާގެ ފަރާތުން ވާހަކަ ދައްކަމުން ވިލްސަންއަށް ކާފަކިޔާ ޖެމީލާ ގެރެޓް ބުނީ، " އަހަރެމެން ބޭނުންވަނީ ކާފައަކީ ވަރަށް ތެދުވެރި ވަފާތެރި މީހެއްގެ ގޮތުގައި ދުނިޔޭގެ އެންމެން ހަނދާން ކުރަން" ކަމަށެވެ. ކާފަގެ ފަރާތުން މުޅި އާއިލާ އަށް ވެސް ދަސްވީ ކޮންމެ މީހަކުވެސް އެމީހެއްގެ ގޮތުގައި ހުރުން ކަމަށާ، އެކަން ދެން އަންނަ ޖީލުތަކަށް ވެސް ފޯރުކޮށްދޭނެކަމަށް ވެސް ޖެމީލާ ބުންޏެވެ.
ވިލްސަން ވައިޓްހައުސްގެ ވަޒީފާ އަދާ ކުރަން ފެށީ ވައިޓް ޑީ އައިސްހަވަރގެ ވެރިކަމުގައެވެ. ފަހުން ޖޯން އެފް ކެނެޑީގެ ވެރިކަމުގައި ބަޓްލަރ އަކަށް ބަދަލުވެ، ފަސްޓް ލޭޑި ޖެކްލިން ކެނެޑިއާ ވަރަށް އަރިސް މީހަކަށް ވިއެވެ. ވިލްސަން 1997 ވަނަ އަހަރު ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހު އަލުން 2003 އަހަރު ވަނީ ވަޒީފާ އާ ގުޅިފައެވެ. ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ އަންހެނުން ލައުރާ ފާހަގަ ކުރަނީ ވިލްސަން އަކީ ވަރަށް ލޯބި މީހެއްގެ ގޮތުގައެވެ. ވިލްސަން ވަޒީފާއަށް ހުރުމަތްތެރިކަން ބަހައްޓާ މިންވަރު ހާމަ ކުރަމުން ކާފަ ދަރިފުޅަކު ބުނީ، "އެންމެ ފުރަތަމަ ގެއިން ފެންނާނީ، ކާފަ، އެންމެ ފަހުން ގެއަށް އަންނާނީވެސް ކާފަ" ކަމަށެވެ.
ވިލްސަން ވައިޓްހައުސްގެ ވަޒީފާ ދޫކޮށްލީ 2012 ވަނަ އަހަރު ބަރަކް އޮބާމާގެ ވެރިކަމުގެ ދުވަސްވަރުއެވެ.