ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި މީހެއްގެ މައްޗަށް ބޮޑު ޖަމާއަތެއްގައި ކުރެވޭ ފުރަތަމަ ކަށު ނަމާދު މިރޭ
މަޝްހޫރު ވިޔަފާރިވެރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ ޙުސައިން ޢަބްދުﷲ (ނކޝޢ) ގެ މައްޗަށް އުފަން ރަށުގައި ޣައިބަށް މިރޭ ކަށުނާމަދު ކުރަން ނިންމައިފިއެވެ.
ށ އަތޮޅު މަރޮއްޓަށް އުފަން ޙުސައިން ޢަބްދުﷲ ނުވަތަ ނުވަތަ މަރޮށީ ޙުސައިން ކަލޭފާނު ކޯވިޑް ބަލީގައި ފަރުވާދެމުން ދަނިކޮށް އަވަހާރަވީ މިމަހުގެ 14 ވަނަދުވަހުގެ ރެއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 88 އަހަރުއެވެ.
ކޯވިޑް-19އަށް ފަރުވާދެމުންދަނިކޮށް ޙުސައިން ކަލޭފާނު އަނބިކަނބަލުން ޢުމުރުން 83 އަހަރުގެ އާމިނަތު އާދަމްވެސް ވަނީ ނިޔާވެފައެވެ. އާއިމިނަތު އާދަމް ނިޔާވީ އޭޕްރީލް މަހުގެ 30ވަނަ ދުވަހުއެވެ.
ޙުސައިން ޢަބްދުﷲގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިރޭގެ އިޝާނަމާދަށްފަހު މަރޮށި ހުކުރު މިސްކިތުގައެވެ. މީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި މީހެއްގެ މައްޗަށް ބޮޑު ޖަމާއަތެއްގައި ކުރެވޭ ފުރަތަމަ ކަށު ނަމާދެވެ. ކޯވިޑް ބަލީގައި މަރުވި މީހުންގެ ކަށުކަމާކެމީގެ ކަންތަކާއި ޖަނާޒާގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ އެއްވެސް މީހަކަށް ބައިވެރި ނުވެވޭގޮތަށް ހަމައެކަނި އެކަމަށް ހާއްސަކޮށްފައިވާ ސިފައިންގެ ޓީމަކުންނެވެ.
ޙުސައިން ކަލޭފާނުގެ މައްޗަށް ޣައިބަށް ކަށު ނަމާދު މި ކުރަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮތުމަށްފަހު ބައެއް ރަށްރަށުގައި މިއަދު ހުކުރު ނަމާދަށްފަހު ޖަމާއަތުގައި ނަމާދުކުރުމަށް ހުއްދަދިނުމުންނެވެ