ފަތުރުވެރިން އިތުރުވަމުންދާއިރު ވަސީލަތްތައް ވެސް އިތުރު ކުރަން ޖެހޭ: އިބްރާހިމް ރަޝީދު

ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު ހާހުން އިތުރުވުމުން ވަސީލަތްތައް ވެސް އިތުރު ކުރަންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
އިބްރާހިމް ރަޝީދު މިރޭ މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ކިޔުޖެހިފައިވާ ތަން ފެންނަ ވީޑިއޯއެއް ޓްވިޓާ ގައި ހިއްސާ ކުރައްވަމުންނެވެ. އެގޮތުން މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ފަތުރުވެރިން ހާހުން ހާހުން އިތުރުވަމުން އަންނައިރުު އެމީހުން ރާއްޖެ އައިސް ދާން ބޭނުންވާ ރިސޯޓްތަކަށް ނުދެވި ހަތަރު ފަސް ގަޑިއިރު އެއާޕޯޓުގައި ކިއުގައި ކޮޅަށް ތިބެންޖެހޭ ކަމަށެވެ.
"ފަތުރުވެރިން ހާހުން ހާހުން އިތުރުވަމުން ދާއިރު މިހާލަތުގައި ވަސީލަތްތައް އިތުރު ކުރާންޖެހެއެވެ . ހަތަރު ފަސް ގަޑިއިރު ކިއުގައި ކޮޅަށް ތިބެ އިރު އޮއްސުމުގެ ކުރީން ދާންވާ ރިސޯޓަށް ނުދެވި މާލޭ ސަރަހައްދުގައި ތާށިވާން ނުޖެހޭނެ ހަލުވި އަވަސް އުސޫލަކަށް އިންތިޒާމްވާން ޖެހެއެވެ" މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އުޅެނީ 1000 އާއި 2000 އާ ދެމެދުގައެވެ. އަދި ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 477,390 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. އަދި އެއަދަދު މިމަހުގެ ފަހުކޮޅަށް އިތުރު ވާނެ ކަމަށް ވެސް ބެލެވެއެވެ.