ޓޫރިޒަމް ގައިޑްލައިންގައި ހިމެނި ފީތައް ނުނަގަން އެންމެ ފަހުން ނިންމައިފި
ކޮވިޑް-19 އަށް ފަހު ރާއްޖެ ނިއު ނޯމަލްގައި ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ޓޫރިޒަމް ގައިޑްލައިންގައި ހިމެނި ފީތައް ނުނަގަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިހާރު އެކުލަވާލާފައިވާ ޑްރާފުޓުގައި ވަނީ ރާއްޖެއަށް އަންނަ ޕްރައިވެޓު ޖެޓުތަކުން ލޭންޑިން ފީގެ ގޮތުގައި 50،000 ޑޮލަރު އަދި ރާއްޖެ ވަންނަ ސުޕަ ޔޮޓްތަކުން 10،000 ޑޮލަރު ނެގުމަށެވެ. އަދި ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސްގެ ގޮތުގައި 50،000 ޑޮލަރު ދެއްކުމަށެވެ.
މީގެ އިތުރުން ރާއްޖެ އަންނަ ފަތުރުވެރިން މަދުވެގެން 14 ދުވަހުގެ ޗުއްޓީ ބުކް ކުރުމަށާއި، ކޮންމެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް 100 ޑޮލަރު ނެގުމަށް އެ ޑްރާޕްޓުގައި ހުށަހަޅާފައިވެއެވެ.
ނަމަވެސް މުޅި ދުނިޔޭގެ ފަތުރުވެރިކަން ވަޅު ޖެހިފައިވާ މިވަގުތު ބޮޑު އަގުތަކެއް ނަގާތީ ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާތީ ޓޫރިޒަމް އިންޑަސްޓްރީގެ އިސްވެރިންނާއި އެކު މިނިސްޓްރީން ބޭއްވި ބައްދަލުވުން ތަކަށް ފަހު ނިންމީ ގައިޑްލައިންގައި ހިމެނޭ ފީތައް ކަނޑާލާށެވެ.
އެގޮތުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އިސް ސްޓޭކްހޯލްޑަރުންގެ ތެރޭގައި ހިމެނޭ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި އެމްއޭސީއެލް އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެމްއެމްޕީއާރުސީން ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެކު ބައްލުވުމެއްް ބާއްވައި އެފަރާތްތަކުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އަދި ޑްރާފްޓަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅާފައެވެ.
ރޭގެ ބައްދަލުވުމަށް ފަހު ޓޫރިޒަމް މިނިސްޓްރީން ބުނީ ސޭފް ޓޫރިޒަމް ގައިޑްލައިންގެ ފައިނަލް ޑްރާފްޓެއް އަންނަ ޖޫން 1 ވަނަ ދުވަހުގެ ކުރިން އާއްމު ކުރާނެ ކަމަށެވެ.