ދީނާއި ބެހޭ ގޮތުން ނޭނގޭ ވަރަށް ގިނަ ކަންތައްތައް ކަރަންޓީނުގަ ހުރި ދުވަސްކޮޅު ދަސްވި: ނިއުމާ
ކޮވިޑް-19 މާލޭގައި ފެތުރުމާއި ގުޅިގެން އުފެދުނު ހާސްކަމުގެ ތެރޭގައި، އެންމެ ބޮޑަށް ފެތުރުނު އެއް ވާހަކައަކީ މަޝްހޫރު ފިލްމީ ތަރި ނިޢުމާ މުޙައްމަދު ކަރަންޓީނަށް ގެންދެވުނު ވާހަކައެވެ.
ކަރަންޓީނު ފެސިލިޓީގައި ނިޢުމާ 17 ދުވަސް ހޭދަ ކޮށްފައިވާއިރު އޭނާ އެބައްޔަށް ފައްސި ވެފައިވާ ކަމަށް ވެސް އެއްބަޔަކު ވާހަކަ ދައްކަމުން ދިޔައެވެ.
އެވާހަކަތަކަށް ރައްދު ދެމުން އޯޑިއޯ ކްލިޕެއް މެދުވެރިކޮށް ނިއުމާ ބުނެފައިވަނީ އޭނާ އެބައްޔަށް ނައްސި ކަމަށާއި، މާލޭއިން މިބައްޔަށް ފުރަތަމަ ފައްސިވީ މީހާއާއި ދިމާވެފައި ހުރުމުން ސާމްޕަލް ނެގުމަށް އެކަން އެޗްޕީއޭއަށް އެންގީވެސް އޭނާ އަމިއްލައަށް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން ކަމަށެވެ.
ކަރަންޓީނުގެ މުއްދަތު ހަމަކޮށްފައިވާ ނިއުމާ ވަރަށް ފަހުން ވަނީ، ކަރަންޓީނުގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ކުރެވުނު އިޙުސާސްތައް ބެލުންތެރިންނާ ހިއްސާ ކޮށްފައެވެ.
ބައިސްކޯފުން ދައްކަމުން އަންނަ "ލޮކްޑް އަޕް ވިތް" އެޕިސޯޑުގައި ދިން ބަސްދީގަތުމެއްގައި ނިއުމާ ބުނީ އެއީ ކުރެވުނު ހިތާމަވެރި ތަޖުރިބާއެއް ކަމަށާއި ކަރަންޓީނަށް ދާން ބުނި ފުރަތަމަ ދުވަހުވެސް ރޮވުން ކަމަށެވެ.
"14 ދުވަހަށް ކަރަންޓީނު ފެސިލިޓީއަށް ދާން ތައްޔާރުވާން ބުނީމަވެސް ރޮވުނު އެއީ އަޅުގަނޑަކީ އެގޮތަށް ތަނެއްގަ ގޮސް އެކަނި ހުންނަން ދަސްވެފަ ހުރި، އުޅެން ބޭނުންވާ ވެސް މީހެއް ނޫން. އެތަނަށް ގޮއްސަ ހަމަ ބަންދު ކޮޓަރިއެއްގަ އިނީ. މީހަކު ލޮލަކަށް ނުފެނޭ ގިނަ ފަހަރަށް. ކާ އެއްޗެހި ދޭން އަންނަ އަޑު އިވުނީމަ އަޅުގަނޑު ކުޑަކޮށް ކުޑަދޮރުން ބަލާލަން. ވަރަށް އެކަނިވެރިކޮށް އުޅުނީ. އެކަނިވެރިކަން އިޙުސާސްވީމަ ރޮވޭ. ދެން އަޅުގަނޑު އާއިލާއަށާއި ލޯބިވާ މީހުންނަށް ގުޅައިގެން ވާހަކަ ދައްކަނީ. ދެން ވީޑިއޯ ބަލަނީ" އާއިލާއާއި އެންމެންނާއި ދުރުގައި ދުވަސްތައް ހޭދަ ކުރަން ޖެހުނު ގޮތް ކުރުގޮތަކަށް ނިއުމާ ކިޔައިދިނެވެ.
މީގެއިތުރުން ކަރަންޓީނު ފެސިލިޓީއެއްގައި ހުންނައިރު ކުރެވިދާނެ ބައެއް ކަންތައްތައްވެސް ނިއުމާގެ ތަޖުރިބާއިން އޭނަ ކިޔައިދީފަވެއެވެ.
އެގޮތުން ނިއުމާ ބުނީ، އެދުވަސްތަކުގައި ސޯޝަލް މީޑިއާގެ ބޭނުން ރަނގަޅު ގޮތުގަ ބޭނުން ކުރި ކަމަށެވެ.
"ރަނގަޅު ގޮތުގަ ބޭނުން ކުރީމޭ މިބުނީ، މިސާލަކަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް މިވާ ގޮތަކީ އެކަނިވީމަ ލަވައެއް އަޑުއަހާލެވެނީ. އޭރުންވާ ގޮތަކީ މީހާ އެކަނިވެފަ އެގޮތަށް ހުންނަ ވަގުތެއްގައި އިތުރަށް ދެރަވެ އެއިމޯޝަންތައް ބޭރުވާނީ. އެހެންވެ އަޅުގަނޑު ކުރި ކަމަކީ ދީނާއި ބެހޭގޮތުން ކުރިން ނޭނގޭ ގިނަކަންތައްތައް ދަސްކުރީ. އަޅުގަނޑަކީ ކުރިން ގަޑިން ގަޑިއަށް ނަމާދު ކުރި މީހެއް ނޫން. އަޅުގަނޑު ޤަބޫލު ކުރަން އެކަން. އެދުވަސްކޮޅު އިރާދަކުރެއްވިއްޔާ އެކަން ވަރަށް ބޮޑަށް ރަނގަޅު ކުރިން. އަޅުގަނޑަކީ ކުރިން ޓީވީ ވަރަށް ބެލި މީހެއް. އެކަމަކު އެއިރު ޓީވީ ނުބަލަން. އެފަދަ އިމްތިހާނެއް ޖެއްސެވީމަ ފުރުސަތުގެ ބޭނުން ހިފާފަ ވީޑިއޯ ބެލީ. މުފްތީ މެންކް ކަހަލަ މީހުންގެ ސްޕީޗްތައް ބެލީ" އައި ބަދަލުތައް ހިއްސާ ކުރަމުން ނިއުމާ ބުންޏެވެ.