މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ބޮޑު ތަނުން އިތުރު ވެއްޖެއެވެ.
އެގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން މުދަލުގެ ޒަކާތުުގެ ނިސާބަކީ 6،961.50ރ. ކަމަށެވެ. ކުރީގެ ނިސާބަކީ 4،950.40 ރުފިޔާ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި ނިސާބުގެ އަގު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށް ވާއިރު ދުނިޔޭގެ ބާޒާރުގައި އޭގެ އަގު ބޮޑުވެފައިވާ ކަމަށެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައި ވާއިރު ގްރާމަކަށް ކަނޑައަޅާފައިވަނީ 11.70ރ. އެވެ. އެހެންކަމުން ނިޞާބުގެ ގޮތުގައި ދައްކަން ޖެހޭ 595 ގްރާމުގެ ރިހީގެ އަގަކީ 6،961.50 ރުފިޔާ އެވެ.
ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބު ވެއެވެ. ޕަސެންޓުގެ ގޮތުން ނަމަ އެއީ 2.5% އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އަތްމަތި ދަތިވެ، ފަގީރުންގެ ލިސްޓުގައި ނަން ނޯޓުކުރި މީހުންގެ ލިސްޓު ވަނީ އިތުރު ވެފައެވެ. އެގޮތުން މިދިޔަ އަހަރު މި ލިސްޓުގައި 8،764 މީހުން އޮތްއިރު މި އަހަރު އެ އަދަދު 11،514 އަށް ވަނީ އިތުރުވެފައެވެ.