ކޯވިޑް-19: ޢަބްދުﷲ އަޙްމަދު ފައުންޑޭޝަނުން ފުވައްމުލައް ސިޓީއަށް އެހީވެއްޖެ
ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ، މަރްހޫމް އަބްދުﷲ އަހުމަދު ފައުންޑޭޝަނުން އެ ސިޓީއަށް ބައެއް ތަކެތި ހަދިޔާ ކޮށްފި އެވެ.
ކޯވިޑް-19 އާ ގުޅިގެން އެ ފައުންޑޭޝަނުން ފުވައްމުލަކަށް ދޭ އެހީގެ ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ހަދިޔާ ކޮށްފައި ވަނީ މާސްކާއި އަންގި އާއި ސެނިޓައިޒާ އެވެ. އެ ގޮތުން 500 އަންގި އާއި 1000 މާސްކާއި އަދި ސެނިޓައިޒާ ވަނީ ހަދިޔާކޮށްފައެވެ.
އަބްދުﷲ އަހުމަދު ދަރިކަނބަލުން އަދި ފައުންޑޭޝަންގެ ރައީސާ އާމިނަތު ޝަހުދާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރަށްތައް ފަދައިން ފުވައްމަލަކަށް އެހީވާން ޖެހިފައިވާ މި ދަނޑިވަޅުގައި އޭނާގެ ބައްޕަގެ ނަމުގައި ސިޓީއަށް އެހީއެއް ވެދެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"މި ފައުންޑޭޝަން ނިސްބަތް ވަނީ އަޅުގަނޑު ބައްޕައަށް އަދި ބައްޕައަކީ ފުވައްމުލަކުގެ ބޭފުޅެއް، އެހެންވެ މިފަދަ ދަނޑިވަޅެއްގައި ސިޓީއަށް އެހީއެއް ވެދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް،" ޝަހުދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފައުންޑޭޝަނުން އެހެން ބައެއް ރަށްރަށާއި ފަރުދުންނަށް ވެސް އެހީވަމުން ގެންދާ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ހަރަކާތްތައް ފުޅާކޮށް އެހީތެރި ވެދޭނެ ކަމަށެވެ.
މިދިއަ ހަފުތާގައި ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގައި އައްޑު އަތޮޅުގެ ރަށްރަށާއި ގޭގެއަށް ބޮޑެތި ގެއްލުންތައް ލިބުމުން އައްޑޫ ސިޓީއަށް އެހީވުމުގެ ގޮތުން ވެސް އަބްދުﷲ އަހުމަދު ފައުންޑޭޝަނުން 100،000 ރުފިޔާ ހަދިޔާ ކޮށްފައި ވެއެވެ. އަދި ކޮވިޑް-19 އާއި އެ އަތޮޅު ހުޅުދު އާއި މަރަދޫއަށް މާސްކާއި ސެނިޓައިޒާ އާއި އަންގިވެސް ހަދިޔާކޮށްފައި ވެއެވެ.