ޔާމީން، ކަފާލާތުގެ ދަށުން ދޫނުކުރަނީ އިންތިޚާބު ގާތްވެފައި އޮތުމުން: އިދިކޮޅު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން ދޫނުކުރަނީ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮތުމުން ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން ބުނެފި އެވެ.
މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކޮންމެ އިންތިހާބަކާ ކުރިވުމުން މިހާރު ރައީސް ޔާމީން ޖަލުގައި ބަހައްޓަން ސަރުކާރުން އަޑީގައި ތިބެގެން މަސައްކަތް ކުރާ ކަމަށެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އައިއިރު ވެސް ޔާމީން ހުންނެވީ ނުހައްގުން ޝަރީއަތް ނިމެންދެން ބަންދުގައި ކަމަށާއި މިހާރު ޔާމީން ކަފާލާތުގެ ދަށުން މިނިވަންކޮށް ނުދީގެން އުޅެނީ އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައި އޮތުމުން ކަން ޔަގީންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު ލޯކަލް ކައުންސިލް އިންތިޚާބު ބޯމައްޗަށް އޮތީމާ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ތާވަލް ނުކޮށްގެން މި އުޅެނީ ވެސް. އަދި ކަފާލާތު ނުލިބިގެން މި އުޅެނީ ވެސް،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ހައި ކޯޓުގައި އިސްތިއުނާފް އަޑުއެހުންތައް ފަށާނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. އޭނާ ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފް ކުރުމާ އެކު ކަފާލާތު ލިބެން ޖެހޭނެ ކަމަށެވެ. އަދި މަޖިލިސް އިންތިޚާބާ ދިމާކޮށް ޔާމީން ބަންދުކުރީ ނުހައްގުން ކަން ހައި ކޯޓުން އޭރު މައްސަލަ ނިމުނު ގޮތުން ވެސް އެނގޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ މަހުގެ 30 ވަނަ ދުވަހު އެ މައްސަލަ އިސްތިއުނާފު ކުރަން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅިއެވެ. އެ އިސްތިއުފާނު ބަލައިގެންފައިވާކަން ހައިކޯޓުން ހާމަ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
މަނީ ލޯންޑަރިން މައްސަލަ އިސްތިއުނާފު ކުރި އިރު، އެ އިސްތިއުނާފު މައްސަަލަ ނިމެންދެން ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލަން އެދިފައިވެއެވެ.