ބަލިޖެހޭ މީހުންގެ އަދަދު މިހާރު ހުރީ ބޭސްލައިންގައި ކަމަށް ބެލެވޭ: ޑރ. އަފްޒަލް
ރާއްޖޭގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ ޢަދަދު މިހާރު ފެންނަ މިހުރީ ބޭސްލައިން ނުވަތަ އެންމެ ދަށްކޮށް ހުންނާނެ ރޭޓްގައި ކަމަށް ވެދާނެ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ރާއްޖޭގައި ފައްސިވާ ބިދޭސީންނާއި ދިވެހިންގެ ޢަދަދުވެސް ދަނީ މަދުވަމުންކަމަށެވެ. އެގޮތުން މިހާރު ދުވާލަކު ފައްސިވާ މީހުންގެ ޢަދަދު 30 އާއި 50އާ ދެމެދު ހުރިއިރު މިއީ މިފަދަ ބަލިމަޑުކަމެއްގެ ޙާލަތުގައި ގިނަ ޢަދަދެއް ނޫންކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންމެން ވެސް އެދޭނީ ދުވާލަކަށް ފަސް ވަރަކަށް ކޭހަށް ވުރެ އަދަދު މަތި ނުވުން ކަމަށާއި ނަމަވެސް މިފަދަ ބަލިތަކުގައި އަބަދުވެސް ބޭސް ލައިނެއް އޮންނާނެ ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި ބަލިޖެހޭ މިންވަރުހުރީ ގާތްގަނޑަކަށް 30 އާއި 50އާ ދޭތެރޭގައިކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭކަމަށާ، އެހެން ބަލިތައްވެސް އުޅެނީ މިފަދަ މިންވަރެއްގައިކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"ހަގީގަތުގައި ގައުމެއްގެ ތެރޭގައި މިފަދަ ބަލިމަޑުކަމެއް ފެތުރިގެންދިޔައީމަ އޭގެފަހުން އެޔަށް ކިޔާނީ އެގަމެއްގެ އެންޑިމިކް ބައްޔެކޭ. އެހެންވީމަ އެންޑަމިކްގައި ހުންނަކީ ބައްޔަކީ ހަގީގަތުގައި ކޮންމެވެސް ވަރެއްގެ ބޭސްލައިންއެއް ހުންނަ ބަލި. އެހެންވީމަ އެކަށީގެންވޭ މިބަލީގައިވެސް ނިމިގެންދާއިރު ކުރިއަށް އޮތް އަހަރުތަކުގައިވެސް ބޭސްލައިންއެއް އުފެދިގެން ދިއުން" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ކޮވިޑް-19 މާލޭގައި ފެތުރެން ފެށި ފަހުން އެއް ދުވަހަކަށް އެންމެ ގިނައިން ކޭސް ފެނުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ދުވަހު 178 ކޭސް ފެނުނެވެ.
މިހާފްތާ ތެެރޭގައި ރާއްޖެއިން ފައްސިވާ މީހުންގެ އެވްރެޖް އަދަދު އުޅެނީ ދުވަލަކު 30 އާއި 50 ދެމެދުގެ އަދަދެއްގައެވެ.