ކޮވިޑް-19: އެމެރިކާގަ އެންމެ ފުރަތަމަ ވެކްސިން ދިނީ ނަރުހަކަށް

މުޅި ދުނިޔެ ނުރަކައްލަކަށް ވައްޓާލި ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުކަމަށް ދައުވާކުރާ އެމެރިކާގައި ވެސް، މިބަލިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖަހަން ފަށައިފިއެވެ.
އެގޮތުން މިއަދު އެޤައުމުގައި ފައިޒާ/ބަޔޯއެންޓެކް ވެކްސިން ދޭން ފަށާފައިވާއިރު، މިވެކްސިން އެންމެ ފުރަތަމަ ދީފައިވަނީ ނިއުޔޯކް، ކުއީންސްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި މަސައްކަތް ކުރާ ސިއްޙީ ޚިދުމަތްތެރިއެއްގެ ގަޔަށެވެ.
ސެންޑްރޭ ލިންޑްސޭ ނަމަކަށް ކިޔާ އެ ނަރުސް ކުއްޖާގެ ގަޔަށް ވެކްސިން ޖަހާފައި ވަނީ ލޯންގް އައިލެންޑް ޖުވިޝް މެޑިކަލް ސެންޓަރުގައެވެ. އެއީ ނިއުޔޯކްގައި އެންމެ ފުރަތަމަ ކޮވިޑް ފެތުރުނުއިރު ކޮވިޑް ސެންޓަރުގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ނިއުޔޯކް ގައި ވެކްސިން ދޭން ފެށުމުން، އެތަނުގެ ގަވަރުނަރު އެންޑްރޫ ކުއޮމޯ ވަނީ ވަރަށް ހޫނު ތަރުހީބެއް އެކަމަށް ދެއްވާފައެވެ.
"އެހެން ވެކްސިނެއް ޖެހުމެކޭ، ވަކި ތަފާތެއްވާހެން ހިއެއް ނުވޭ. މިއަދު އަހަންނަށް އުންމީދު އާވެއްޖެ. އުފާވެއްޖެ. އަހަންނަށް މިއަދު އިހުސާސް ކުރެވެނީ ފަރުވާ ލިބިއްޖެ ކަމަށް. އަދި މިއީ ނުހަނު ތަދު ދުވަސްވަރެއްގެ އުފާވެރި ނިމުން ކަމަށް" ސެންޑްރާ ބުނެފައިވެއެވެ.
ސެންޑްރޭ ލިންޑްސޭ ބުނެފައި ވަނީ މިވެކްސިނަކީ ޖެހުން ރައްކާތެރި ވެކްސިނެއް ކަމަށް އޭނާއަށް އިހުސާސް ކުރެވޭ ކަމަށެވެ.