ދުނިޔެ

އިލެކްޓޯރަލް ކޮލެޖްއިން ވޯޓްލާ، ބައިޑަންގެ މޮޅު ކަށަވަރުކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިއަންނަ ޖަނަވަރީ މަހު އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވާނީ، އިންތިޚާބީ ރައީސް ޖޯ ބައިޑަންކަން ކަށަވަރު ވެއްޖެއެވެ.

Ads by WAMCO

މިކަން ކަަށަވަރުވެފައި ވަނީ، އިއްޔެ އެމެރިކާގައި ކުރިޔަށް ގެންދިޔަ އިލެކްޓޯރަލް ވޯޓަށްފަހުގައެވެ. އިލެކްޓޯރަލް ވޯޓްގައި ބައިޑަންއަށް 302 ވޯޓް ލިބިފައިވާއިރު، ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 232 ވޯޓެވެ. މިއީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ރައްޔިތުން، އިލެކްޓޯރަލް ކޮލެޖްގައި އިންތިޚާބު ކުރި އަދަދެވެ. އެއްވެސް އިލެކްޓޯރަލް ކޮލަޖަކުން އެ ސްޓޭޓުގެ އިންތިޚާބާ އިދިކޮޅަށް ވޯޓް ދީފައެއް ނުވެއެވެ.

އާއްމުކޮށް އެހެން އަހަރު ތަކުގައި، އިލެކްޓޯރަލް ކޮލެޖްގެ ވޯޓް ލުމަށް މާ ބޮޑު ސަމާލުކަމެއް ނުލިބުނު ކަމުގައި ވީނަމަވެސް، މިއަހަރުގެ އިންތިޚާބުގެ ނަތީޖާ ޓްރަންޕް ޤަބޫލު ނުކުރައްވާ ކޯޓްތަކަަށް މައްސަލަ ހުށަހަޅާފައިވާތީ، އިލެކްޓޯރަލް ކޮލެޖް އިންތިޚާބު ގިނަ ބަޔަކު ދިޔައީ ކައިރިން ބަލަމުންނެވެ. އެއީ އެމެރިކާގެ ރައީސަކު ރަސްމީކޮށް އިންތިޚާބު ވާނީ އިލެކްޓޯރަލް ކޮލެޖުން ކަމަށްވާތީއެވެ.

އިލެކްޓޯރަލް ކޮލެޖްގެ ވޯޓްލުން ކޮންމެ ސްޓޭޓެއްގެ ވެރިރަށުގައި ކުރިޔަށް ގެންގޮސްފައިވާއިރު، ޖެނުއަރީ 1 ވަނަ ދުވަހު އެ ހުރިހާ ވޯޓް ކަރުދާސްތަކެއް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ކޮންގްރެސް އިން ގުނާނެއެވެ.

މިދިޔަ ނޮވެންބަރ މަހުގައި އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިކޯޑް އަދަދަކަށް މީހުން ވޯޓް ލާފައިވެއެވެ. އިންތިޚާބުން ބޮޑު ތަނުން ޓްރަންޕް ބަލި ވެފައިވާއިރު، ޓްރަންޕް ދަށްވެފައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓްރަންޕްގެ ސަރުކާރުން ނުކުޅެދުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

Ads by Ooredoo
  1. ކަނބުލޮ

    މި މީހުން ވޯޓުލީތާ ކޮން ދުވަހެއް.. އެކަމަކުވެސް ޖެނުއަރީގައި އނެއްކާ ވޯޓު ގުނަނީ… ވޯޓުކަރުދާސްތައް އަންދައިލަނީކީނޫން. މި ރާއްޖޭގެ މިސަރުކާރު މީ މާ މަތިން އައިސް ތިބި ބައެއްތަ… ވޯޓުގުނައިގެން ރޔ ކާމިޔާބުކޮށްފާނެތީވެ، ވޯޓުކަރުދާސްތައް އަންދައިލީ ކޮން ޙައްޤެއް އޮވެގެންތޯ؟ އިންސާފުގެ ކުރިމައްޗަށް ދާންޖެހޭ ދުވަހެއް އަންނާނެ إن شاء الله