ރައީސް ސޯލިހު ވިދާޅުވީ ރިސޯޓުތަކުގެ ކުއްޔާއި ދަނޑުވެރި ކަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ އިތުރުން ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައިވާ އެހެން ހުރިހާ ބިންތަކުގެ ކުލި ވެސް ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
ބިމު ކުލީގެ ގޮތުގައި މިއަހަރު 800 މިލިއަން ލިބޭނެ ކަމަށް ލަފާކުރެވޭ: އަމީރު
އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ބިމު ކުލިން މިއަހަރު ސަރުކާރަށް ލިބޭނެ ކަމަށް ލަފާ ކުރެވެނީ 800 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ފަހު ހަ މަސް ދުވަހު ރިސޯޓުތަކުގެ ބިމު ކުލި ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދޭން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ބިމު ކުއްޔަކީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ވަސީލަތް ކަމަށާއި މި އަހަރުގެ 1.7 ބިލިއަން ރުފިިޔާ ބިމު ކުލީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި ކަމަށެވެ.
ނަމަވެސް ކޮވިޑާ ގުޅިގެން އައި ލޮޅުންތަކުގެ ސަބަބުން މިހާރު ބެލެވޭ ގޮތުގައި ބިމު ކުލީގެ ގޮތުގައި ލިބޭނީ 800 މިލިއަން ރުފިޔާ ކަމަށާއި މި ފަސްކޮށްދޭ ލޭންޑް ރެންޓަކީ އަންނަ އަހަރުގެ ތެރޭގައި ލިބޭނެ އެއްޗެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުގައި އިގްތިސާދީ ހަރަކާތްތައް ފެށުމަށްޓަކައި އެކިއެކި ދާއިރާތަކަށް ވެސް ބޮޑެތި ލުއިތަކެއް ދެއްވާނެ ކަމަށެވެ. އެގޮތުން ދަނޑުވެރިކަމުގެ ދާއިރާ އަށް ދޫކޮށްފައިވާ ބިމުގެ ކުލިން ވެސް ލުއިތަކެއް ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.