ރިޕޯޓް

"ވާރސްޓް ސިނާރިއޯ"އަށް ތައްޔާރު އެކަމަކު އޮމާންކޮށް ހޯމް ކަރަންޓީނެއް ނިންމާލެވޭނެވަރުގެ އިންތިޒާމް ސަރުކާރުގައި ނެތް

ދެން އެމްވީ ، ދެން އޮންލައިން

2019 ވަނަ އަހަރު ނިމެން އުޅެނިކޮށް ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާންއިން ފެނުނު ކޮރޯނާވައިރަސް އެގައުމުގައި ފެތުރެން ފެށީންސުރެ ހުރިހާ ގައުމު ތަކަކުން ވެސް ތިބީ މިކަމަށް ފާރަވެރިވެއެވެ. ނަމަވެސް ރާއްޖެއިން މީޑިޔާ އަށް މަޢުލޫމާތު ދޭހާ "ކޮންފިޑެންސް"ގައި "ވާރސްޓް ސިނާރިއޯ"އަށް ތައްޔާރު ކަމަށް އެހެން ގައުމު ތަކުން ގޮވާ އަޑެއް ނީވެއެވެ. "އައިއްޔާ ކުރިމަތި ލާނީ" އޭ ބުނާ ބީދައިން އެހެން ގައުމުތަކުން ތައްޔާރުވަމުން ދިޔައެވެ. ހުރިހާ ގައުމު ތަކަކުން ވެސް އެ ގައުމެއްގައި ފެތުރެން ފަށައިފި ނަމަ، އެ ގައުމަކުން ބަލިޖެހޭނީ ކިތައް މީހުނަށްކަން ލަފާކޮށް އެ އަދަދަށް ސިއްހީ މަސައްކަތްތެރިންނާއި އާލާތް ހަމަ ކުރެވޭތޯ މަސައްކަތް ކުރިއެވެ. އަދި ބަލިޖެހޭ މީހުންގެ އަދަދު މަދު ކުރުމަށް އެޅޭނެ ފިޔަވަޅުތަކަށް ރައްޔިތުން ހޭލުންތެރިކޮށް އިރުޝާދު ދެމުންދިޔައެވެ.

Ads by Sosun Fihaara

މާލެއަކީ ތޮއްޖެހިފައިވާ ރަށެކެވެ. ޚާއްސަކޮށް ބިދޭސީން ދިރިއުޅޭ ގިނަ ތަންތަނަކީ ވަރަށް ބައިބޯ ތަންތަނެވެ. އެހެންކަމުން މާލެއަށް ކޮވިޑް-19 އައިސްފިނަމަ މިތަންތަނުގައި ވަރަށް ބާރަށް ބަލި ފެތުރިގެން ހިނގައިދާނެކަން އާންމު މީހާއަށްވެސް އަންދާޒާ ކޮށްލާކަށް އުނދަގުލެއް ނުވާނެއެވެ. ނަމަވެސް މި ކަމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާތަނެއް ފެނިގެން ނުދިޔައެވެ. 29 ޖެނުއަރީ ގައި ސަރުކާރުން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ހާމަކުރީ ވައިރަހުން ދިފާޢުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ސަރުކާރުން ވެފައިވާ ކަމަށެވެ. އެހިސާބުން "މައިން މަގަށް ލައްގަޅޭ" ކިޔާ އަޑު ނުކެނޑެއެވެ. ހީވަނީ ވެފައިވާ ތައްޔާރީ ދައްކާލަން ކޮވިޑް-19 ނައިސްގެން އިންތިޒާރުގައި ސަރުކާރު އޮތް ހެނެވެ. ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. ސަރުކާރަށް އިތުބާރުކޮށްގެންނެވެ. ސިއްޙީ ފަރާތްތަކުން ވެސް އެކިއެކި ޕްރޮޖެކްޝަން ހަދައިގެން ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފަށައިފި ނަމަ މިތަކެއް މީހުނަށް ބަލިޖެހިދާނޭ ކިޔާ އަންދާޒާތަކެއް ކުރިއެވެ. އެންމެ ކުޑަ އަންދާޒާގައިވެސް މާލެ އޭރިޔާއިން 2000 މީހުނަށް ބަލި ޖެހިދާނެ ކަމަށް ބެލެވުނެވެ. އަދި މި އަދަދު މަތިވެގެން ގޮސް 46،000 އަށް ވެސް އެރުމުގެ ފުރުސަތު އެބައޮތްކަމަށް 14 އޭޕްރިލްގައި، ނެޝަނަލް އިމަރޖެންސީ އޮޕްރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ޑރ. ނަޒްލާ ރަފީޤް ވަނީ ވިދާޅުވެފައެވެ.

ދެން އައީ އޭޕްރިލްމަހުގެ 15 ވަނަ ދުވަހެވެ. މާލެތެރެއިން ފުރަތަމަ ކޭސް ފެނިގެން ރިޕޯޓްކުރިއެވެ. ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ނުވާ މިމީހާއަށް ބަލިޖެހުނު ގޮތެއް ނުވަތަ އިންޑެކްސް ކޭސް ހޯދާނެ ވަގުތެއް ނުލިބުނެވެ. "ފަޓާސް ބަރިއެއްހެން" ދުވާލަކު އެތައްބަޔަކު ޕޮސިޓިވް ވަމުން ދިޔައެވެ. އެޗް.ޕީ.އޭގެ ޓީމްތަކުންވެސް ކޮންޓެކްޓް ވެފައިވާ މީހުން ހޯދަމުން ދިޔައެވެ. ބަލިޖެހުނު މީހަކާ ކޮންޓެކްޓް ވެގެން އެންގިޔަސް އެޗް.ޕީ.އީ އެކަމަށް އެޓެންޑްވާން އެތައް ދުވަހެއް ނަގަމުން ދިޔައެވެ. އެއްބަޔަކު ބޭނުންވަނީ ބަލިޖެހުނު މީހެއްގެ ސެކަންޑްރީ ކޮންޓެކްޓްއަކަށް ވިޔަސް އާއިލާގެ ސަލާމަތަށް އަވަހަށް ހޯމް ކަރަންޓީނު ވާށެވެ. މިގޮތަށް ހޯމް ކަރަންޓީނު ވި މީހަކު ވަނީ އޭނާގެ އުނދަގޫ ތަޖުރިބާ "ދެން" އާ ހިއްސާ ކޮށްފައެވެ. ހޯމް ކަރަންޓީނުގެ ކޮންމެ މަރުޙަލާއެއްގައި މުޢައްސަސާ ތަކުން ފޭލްވި މިންވަރު އެންމެ ކޭސް އަކުން އެނގިގެން ދިޔައެވެ.

މޫސާ ނިޒާރު (އަސްލު ނަމެއް ނޫން) އަކީ ކޭސް ނަންބަރު-27 އާ އެކުގައި މަސައްކަތް ކުރާ މީހެކެވެ. ނަމަވެސް ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަހު ބައްދަލު ވެފައި ނެތުމުން އޭނާގެ ޕްރައިމަރީ ކޮންޓެކްޓެއް ކަމަކަށް ނުވެއެވެ. ނިޒާރު އަކީ ކޭސް ނަންބަރު-27 ގެ ސެކަންޑްރީ ކޮންޓެކްޓްއެކެވެ. އެއް އޮފީހެއްގައި އުޅެމުން އަންނާތީ ރިސްކެއް ނުނަގަންވެގެން އަމިއްލަ އަށް ސެނަހިޔާއަށް ގޮސް ކޮވިޑް-19 އަށް ޓެސްޓް ކުރިއެވެ. އަލްޙަމްދު ލިﷲ! ޓެސްޓުގެ ނަތީޖާއައީ ނެގެޓިވް ވެގެންނެވެ. ދެން އަމިއްލަ އަށް އެދިގެން ގޭގައި ކަރަންޓީނުވީ އޭޕްރިލް 18 ވަނަ ދުވަހުއެވެ. ކަރަންޓީނުގައި ހުންނަތާ ހަފްތާއެއް ވީފަހުން ނިޒާރުއަށް އެނގުނީ ނިޒާރު ދިރިއުޅޭ ފަންގިފިލާ މޮނިޓަރިންގއަށް ލާފައި ހުރުމުން، 7 ބުރިއަށް ހަދާ ކޮންމެ ބުރިއެއްގައި 3 ކޮޓަރީގެ އެޕާޓްމަންޓެއް ހުންނަ މި އިމާރާތުގެ އެއްވެސް މީހަކަށް ޝޮޕިންގ ޕާރމިޓް ނުލިބޭ ކަމެވެ. މިކަން އޮޅުން ފިލުވަން ޕޮލިހަށް ގުޅުމުން ޕޮލިހުންގެ ޖަވާބަކަށްވީ " އަޅުގަނޑުމެނަށް ލިބިފައިވާ ލިސްޓުގައި ތި ޢިމާރާތް އޮންނަނީ މޮނިޓަރިންގ ލިސްޓްގަ، އެހެންވެ އިމާރާތުން އެއްވެސް މީހަކު ނިކުތުމުގެ ހުއްދަ އެއް ނުދެވޭނެ" ކަމަށެވެ. ނަމަވެސް އެޗް.ޕީ.އޭ އިން މޮނިޓަރިންގ އަށް ލާ ތަންތަނުގެ ލިސްޓެއް އެޗް.ޕީ.އޭގެ ވައިބަރ ގްރޫޕްގައި ވެސް އާންމު ކޮށްފައި އޮވެއެވެ. އެލިސްޓުގައިވާ ގޮތުން މޮނިޓަރިންގ ގައި އޮތީ މުޅި އިމާރާތެއް ނޫނެވެ. ވަކި ފަންގިފިލާއެކެވެ. "ވާރސްޓް ސިނާރިއޯ" އަށް ތައްޔާރުވެގެން ތިބި މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދަލު ކުރުން ހުރިވަރު ތިލަވާން ފެށިއެވެ. މިކަމާ އެތައް ފަހަރަކު ގުޅާ މެއިލްކޮށް ހަދައިގެން ވެސް މިކަން ހައްލުވީ އިތުރު ހަފްތާއެއް ވީފަހުންނެވެ.
އޭރު މިއޮތީ ކަރަންޓީނުގެ 14 ދުވަސް ނިމިފައެވެ. ދެން ޓެސްޓްކުރަން އަންނާނެ ދުވަހެއް އޮޅުން ފިލުވުމަށް 5 ދުވަސް ވަންދެން ކުރި މަސައްކަތުން އެދެވޭ، ޖަވާބެއް ނުލިބުނެވެ. ކަރަންޓީނުވިތާ 21 ވަނައަށް އޮތް ދުވަހު ޕޮލިހުން އައިސް ގޭގައި ހިއްޕާފައިވާ ނޯޓިސް ނައްޓާލިއެވެ. ނަމަވެސް ސާމްޕަލް ނަގާ މީހުންގެ ހިލަމެއް ނެތެވެ. އެތައް ބަޔަކަށް ގުޅައި މެސެޖްކޮށް ހެދުމުން 22 ވަނައަށް އޮތް ދުވަހު އައިސް ސާމްޕަލްނެގިއެވެ. މިގޮތަށް ކަރަންޓީނު ކުރެވޭ މީހުންގެ ސާމްޕަލް ނެގުން ލަސްވެގެން ދިއުމުން ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން "ދެން"ގެ ނޫސްވެރިއަކު ސުވާލު ކުރުމުން، ޑރ. އަފްޒަލް ވިދާޅުވީ، " 14 ދުވަހަށް ކުރާ ކަރަންޓީނު 21 ދުވަހަށް ވެސް ދިގު ދެމިގެން ހިނގައިދާނެ" ކަމަށެވެ. މައްސަލަ އެއް ނެތެވެ. 21 ދުވަހެއް ނޫނެވެ. 21 ހަފްތާއަށް ވެސް އިތުރު ކުރަން ވީއެވެ. ނަމަވެސް އެކަން ކަރަންޓީނު ވެގެން ހުންނަ މީހާއަށް ވެސް އަންގާލުމަކީ އެދެވިގެންވާ ކަމެއް ނޫންތޯއެވެ؟

ކޮންމެއަކަސް 22 ވަނައަށް އޮތް ދުވަހު ނެގި ސާމްޕަލްގެ ގެ ނަތީޖާ 25 ވަނަ ދުވަހު ލިބިއްޖެ އެވެ. މިފަހަރުވެސް ހަމަ ނެގަޓިވްއެވެ. ނިޒާރުގެ އެއްވެސް ޝަކުވާ އެއް މިކަމުގައި ނެތެވެ. 3 ދުވަސް މިކަމަށް ނެގުން ގަބޫލު ކުރެވޭކަމަށް އޭނާ ބުންޏެވެ. ފަންނީ މީހުންނަކީ ބިނާ ކުރަންޖެހޭ ބައެކެވެ. ސިޢްޙީ އާލަތްތަކަކީ ގަންނަން ޖެހޭ ތަކެއްޗެވެ. މި ދެކަންތަކުގައި ދަތި ތަކެއް ހުރެދާނެއެވެ. ނަމަވެސް "ވާރސްޓް ސިނާރިއޯ" އަށް ތައްޔާރުވެގެން ތިބި ބަޔަކު އެންމެ ކުޑަމިނުން 46 ހާސް ކޭސް އާ ގުޅޭ މީހުންގެ ކަންބޮޑުވުން ތަކަށް ޖަވާބުދާރީ ވެވޭނެ ކޯލް ސެންޓަރެއް ގާއިމް ކުރެވޭނެ ކަމަށް ރައްޔިތުން އުންމީދު ކުރިއެވެ. ނަމަވެސް އެވަރުވެސް ނުވެ ގިނަ ބަޔަކު ޝަކުވާ ކުރަމުން ދިޔައެވެ. "ވާރސްޓް ސިނާރިއޯ" އަށް ތައްޔާރުވެގެން ތިބި މުއައްސަސާތަކުން ކޮވިޑް-19 ގެ ކޯލް ސެންޓަރަށް ވޮލެންޓިއަރުން ހޯދަން ޔޫތު މިނިސްޓްރީ އިން އިޢުލާން ކުރީ 21 އޭޕްރިލްގައެވެ. އެއީ މާލޭގައި ކޮމިއުނިޓީ ސްޕްރެޑް ފެށުނުތާ 6 ދުވަސް ފަހުންނެވެ. ކޯލް ސެންޓަރަށް މީހުން ލިބުނު ކަމެއް ނުލިބޭ ކަމެއް ނޭނގެއެވެ. 1676 އަށް ނުގުޅިގެން ރައްޔިތުން ކުރަމުން ދިޔަ ޝަކުވާއަކަށް ބަދަލެއް ނާދެއެވެ.

ނިޒާރުގެ ހޯމް ކަރަންޓީނު ނިމި ދެވަނަ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ނިޒާރު ހީކުރީ މިހިރީ މިނިވަން ވެފައި ކަމަށެވެ. ނަމަވެސް ކޮންމެހެން ތަނަކަށް ދާން ނުޖެހޭތީ އަމިއްލަ އަދި އާއިލާގެ ސަލާމަތަށް ގޭގައި ހުރީއެވެ. މިހެން ހުއްޓާ ނިޒާރުގެ ކުޑަ ކުއްޖަކު ބަލިވެގެން، އޮންލައިންކޮށް ޑޮކްޓަރަކަށް ދައްކައިގެން ނަގަން ބުނި ބޭހަކީ، ޑެލިވަރ ކޮށްދޭ އެއްވެސް ތާކުން ލިބެން ނެތް ބޭހެއް ކަމުން އަމިއްލައަށް ގޮސް ބޭސް ގަތުމަށް ޕޮލިހުންގެ ހުއްދަ ހޯދަން މަސައްކަތް ކުރިއެވެ. ނަމަވެސް ހުއްދަ ލިބޭ ގޮތެއް ނުވިއެވެ. ސަބަބެއް ކަމަށް ބުނީ، " ހޯމް ކަރަންޓީނުގައި ހުރި މީހެއް ވީމާ" ކަމަށެވެ. "ރުޅިއައިސްގެންނާ ދެރަވެގެންނާ ހަމަ ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައި އިނދެވުނު" ކަމަށް ނިޒާރު އަސަރާއެކު ކިޔައި ދިނެވެ. އޭރު ނިޒާރު ހޯމް ކަރަންޓީނު ކުރިތާ މަހެއް ވެއްޖެއެވެ. ފުލުހުން އައިސް އެގޭގައި ތަތްކޮށްފައި ހުރި ސްޓިކަރ ނައްޓާލައިގެން ދިޔަތާވެސް ހަފްތާއެއް ވެއްޖެއެވެ. ނަމަވެސް ފުލުހުން ބުނީ "އެޗް.ޕީ.އިން ހިއްސާކޮށްފައި އޮތް މަޢުލޫމާތުގައި ކަރަންޓީނު ނިމުނުކަމަކަށް ނެތް" ކަމަށެވެ. ބުނާނީ ދެން ފަހެ ކީކޭހެއްޔެވެ؟ މިއޮތް ޓެކްނޮލޮޖީ ކުރިއަރާފައިވާ ޒަމާނުގައި މީހެއްގެ ކަރަންޓިނު ނިމިގެން ހަފްތާއެއް ވެގެން ދާއިރު އެ މަޢުލޫމާތު ސިސްޓަމަށް އަޕްޑޭޓް ނުކުރެވުން މިއީ ދެން ބަލައިގަނެވޭނެ ކަމެއް ހެއްޔެވެ؟ މީގައި އެންމެ ބޮޑު ޖޯކަކީ އެޗް.ޕީ.އޭގެ ލިސްޓް އަޕްޑޭޓް ނުވާތީ ބޭރަށް ނިކުތުމުގެ ހުއްދަ ނުދެވޭނެ ކަމަށް ފުލުހުން ބުނާއިރު، ހަމަ އެ ފުލުހުން އައިސް އެގޭގައި ހުރި ނޯޓިސް ނައްޓާލައިގެން ދިޔަ ކަމެވެ. އެއީ ކޮން ފަރާތަކުން ލިބުނު ކޮން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަންކުރިގޮތެއްކަމާމެދު ސުވާލު އުފެދެއެވެ.

"އަޅުގަނޑު މިއުޅެނީ ކުޑަ ކުއްޖެއްގެ ބޭހެއް ގަންނަން ބޭރަށް ނުދެވިގެން. މިހިރީ ސަރުކާރުން ކަންކަމަށް ތައްޔާރުވެފައިވާ މިންވަރު. ވާނުވާއެއް އެއްވެސް މުއައްސަސާ އަކަށް ނޭނގެ. ޕޮލިހުން ބުނަނީ އެޗް.ޕީ.އޭ އިން ސިސްޓަމް އަޕްޑޭޓް ކުރީމަ އޭ ވަނީ. 1676 އަށް ގުޅާއިރަށް ބުނޭ މެސެޖް ޕާސްކޮށްފީމޭ ލީގަލް ޑިޕާޓްމަންޓަށް. އެބުނާ ލީގަލް ޑިޕާޓްމަންޓްއަކަށް ގުޅޭނެ އެއްވެސް ގޮތެއް ނޯވޭ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ވެސް ގުޅޭނެ ގޮތް އޮވޭ" ނިޒާރުގެ ގޮތް ހުސްވެފައިވާ މިންވަރު ކިތަންމެ ރަނގަޅަކަށް ވެސް އޭނާގެ ވާހަކައިން ދޭހަވެއެވެ.

ކޮންމެ ދުވަހަކު ކެނޑިނޭޅި އެޗް.ޕީ.އޭ އަށް ގުޅައިގެން އެއްވެސް ކާމިޔާބެއް ނުލިބިގެން ނިޒާރު އެހީ އަށް އެދުނީ މީޑިޔާގައެވެ. މި އެދުމަށް، ކޮންމެ ރެއަކު އެން.އީ.އޯ.ސީ އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ދެފަހަރު މަތިން މިކަން ގެނައިފަހުން، ކަރަންޓީނު ކުރިތާ 35 ވަނައަށް އޮތް ދުވަހު ސިސްޓަމް އަޕްޑޭޓް ވެގެން ޕޮލިހުންގެ ޝޮޕިން ޕާމިޓް ލިބޭ ގޮތް ވެއްޖެއެވެ. ނިޒާރު ކިޔަދިން ގޮތުގައި" 10 ފޫޓު 12 ފޫޓު ކޮޓަރި އެއްގައި ހުރުމުން އެ ކުރެވޭ އިޙްސާސް އެނގޭނީ އެކަން ކުރަން ޖެހުނު މީހަކަށް. އަޅުގަނޑުގެ ކުޑަ ކުއްޖަކު މި ފަހަރު އަލަށް ރޯދަވެސް ހިފި. އެ ކުއްޖާ ރޯދަ ވިއްލާގަޑީގައި ގާތުގައި ހުރެލަން ވަރަށް ބޭނުންވި. 14 ދުވަސް ހަމަ ވުމަށް ފަހު ކޮންމެ ދުވަހަކު ހަމަ ރޮވޭ ދެރަވެގެން. ސަރުކާރުން "ވާރސްޓް ސިނާރިއޯ" އަށް ތައްޔާރުވެފަ އޮތް މިންވަރު ފެނި ކޮސްވެފަ މިހިރީ. ކަމެއްގެ މައްސަލައެއް ޖެހިދާނެ، ލަސްވެސް ވެދާނެ އެކަމަކު ކޮންމެ މަރުޙަލާއެއްގައި ކަން ހިނގާފައިވާ ގޮތް މިއީ. އަޅުގަނޑު ކަރަންޓީނު ފެށިފަހުން މާލެ ތެރެއިން ބަލި ޖެހުނު މީހުން ރަނގަޅު ވެގެން މާލެ ތެރޭގަ އުޅެން ފެށިތާ އެތައް ދުވަހެއް ވީ އިރު ވެސް އަޅުގަނޑު ހުންނަން ޖެހުނީ އެޗް.ޕީ.އޭ. އިން ސިސްޓަމް އަޕްޑޭޓް ނުކޮށްގެން ތާށިވެފަ" ކަމަށެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ އިންތިޒާމެއް ނެތްވަރު ހާމަކުރަން މިސާލު ދައްކަމުން، " މާލެ ދަތުރުކުރާ ބޯޓަކަށް ތަރުކާރީ ފޮށިގަނޑެއް ލީމާ އެ ބޯޓު ޖައްސާ ރަށްތަކުގެ ތެރެއިން އެ ލިބެންވާ ރަށަކަށް ލިބޭނެ. ފަހަރެއްގަ ނުބޭލި ހުއްޓަސް ދަތުރު ނިމޭ އިރަށް އެނގޭނެ. އެވަރުވެސް ސަރުކާރަށް ނުވެގެން މިދަނީ ތަޢުމީމީ މީހުންނާ، ޓެކްނޮލިޖީ ހަވާލު ކުރީމަ. ހޯމް ކަރަންޓީނު ކުރާ މީހާ "ގެއްލެނީ" ނުބެލޭތީ. މީހަކު ހޯމް ކަރަންޓީނު ކުރުމަށް ފަހު އެމީހެއްގެ ކަރަންޓީނު ނިމޭއިރެއް ބެލޭނެ އެކްސެލްޝީޓަކާ ކުޅެން އެނގޭ މީހަކު ހުރިއްޔާ." ނިޒާރު ކިޔައިދިނެވެ.

ތެދެކެވެ. ކެމްޕޭން ދުވަސްވަރު އެއިން އޮފީހަކަށް ވަންނަ އެންމެ އާދައިގެ މީހެއްގެ އަތަށް ފޯނަކާ، ގުޅަންވީ މީހުންގެ ނަން ޖަހާފައިވާ ލިސްޓް ދިނުމުން، ގުޅުނު މީހުނާ، ނުގުޅޭ މީހުނާ، ދިންޖަވާބު ޖަހާލާފައި އެ ގަނޑު ރައްދު ކޮށްލަދެއެވެ. ޖެނުއަރީ މަހުން ފެށިގެން ތައްޔާރުވެގެން ތިބި އިދާރާތަކަށް މިވަރުގެ ގާބިލް ކަމެއް ހުރި މީހަކު ވެސް ހަމަ ނުލިބުނުތޯއެވެ؟ މިއީ ހަމަ އެންމެ އޮޕަރޭޝެއްގައި ކަން ވެގެން ދިޔަ ގޮތެވެ. މިކަހަލަ ކިތަންމެ ކަމެއް މީޑިޔާތަކުންވެސް ފެންނަން އެބަހުއްޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!