ޚަބަރު

މާޗުގައި އިންތިޚާބު ބޭއްވޭނީ ޖަނަވަރީގެ ނިޔަލަށް ކުއްލި ނުރައްކާ ނިމުމަކަށް ގެނެސްގެން : އިލެކްޝަންސް ކޮމިޝަން

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ ޖަނަވަރީ މަސް ތެރޭގައި މިހާރު އިއުލާނު ކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ނުގެނެސްފިނަމަ، ފަސްކޮށްފައި އޮތް ލޯކަލް ކައުންސިލް އިންތިޚާބު މާޗު މަހުގައި ނުބޭއްވޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Ads by STELCO

ޖަނަވަރީ މަސް ނިމުމުގެ ކުރިން ކުއްލި ނުރައްކަލުގެ ޙާލަތު އުވައިނުލައި، އިންތިޚާބު ނުބޭއްވޭނެ ކަމުގައި އެޗްޕީއޭގައި ދެންނެވި ކަމަށް "މިހާރު" ނޫހަަށް މައުލޫމާތު ދެއްވަމުން ޝަރީފު ވިދާޅުވިއެވެ. ނަމަވެސް އެޗްޕީއޭއިން އެ މުއްދަތުގައި ކުއްލި ނުރައްކަލުގެ ޙާލަތު އުވައިލެވޭނެ ކަމުގެ ކަށަވަރުކަން ދީފައިނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ޖެނުއަރީ މަހުގެ ތެރޭގައި ވަރަށް ބޮޑު ލުއިތަކެއް ދީފި ނަމަ ކޮވިޑް-19ގެ ހާލަތު ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން އެޗުޕީއޭ އަށް އޮތް ކަމަށް އެ ބޭފުޅުން ފާހަގަ ކުރެއެވެ.

ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވުމުގެ ހުއްދަ ދިނުމުގެ އިޝާރާތެއް އެޗްޕީއޭ އިން ދީފައިވާ ކަމަށެވެ. ކައުންސިލް ބަޖެޓުގެ މައުލޫމާތު ދެމުން ޝަރީފް މީގެކުރިން ވިދާޅުވީ ކައުންސިލް އިންތިހާބަށް ޖުމްލަ 71 މިލިއަން ރުފިޔާ ބޭނުންވެއެވެ. އެހެން ނަމަވެސް އީސީން މަޖިލީހަށް ހުށަހެޅުމުން ކޮވިޑްގެ ދުވަސްވަރަށް ދިމާވުމާއެކު ބަޖެޓު ފާސްވިއިރު އޮތީ، 51 މިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ.

މިކަމާ ގުޅިގެން ޝަރީފު ވިދާޅުވީ، އެޗްޕީއޭއިން ހުއްދަދިނަސް އިންތިހާބު ބޭއްވޭނީ ބަޖެޓަށް އިތުރު 13.3 މިލިއަން ރުފިޔާ ލިބިގެން ކަމަށެވެ. އެގޮތުން، ހަރަދު ކުޑަކުރެވޭނެ ގޮތްތަކާ މެދު ސެކްޝަންތަކާ މަޝްވަރާ ކުރުމަށް ފަހު، އިންތިހާބު ބޭއްވުމަށް 64.3 މިލިއަން ރުފިޔާ ބޭނުންވާކަމަށް ޝަރީފު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ މި އަހަރުގެ އެޕްރީލް މަހުގައެވެ. އެހެންނަމަވެސް އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!