ރިޕޯޓް

އެކުގައި ނަންގަވާ ސޯޓްބުރިލީ ފޮޓޯއަކުން މިކަން ނިންމާލެވޭނެ؟

ދެން އެމްވީ ، ދެން އޮންލައިން

ސިޔާސީ ގަދަ ހިފުމަކަށް ދޮންވެ ފައްކާވާހެން އެބަ ހީވެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވަމުންދާ މިސްރާބުންނެވެ. 2018ގެ ރިޔާސީ އިންތިޚާބުގައި 96000 ވޯޓު ލިބިވަޑައިގެން ނަމަވެސް އިންތިޚާބުން ބަލިވެ ވަޑައިގެންނެވި ކުރީގެ ރައީސް ޖަލުގައި އޮންނަވަނިކޮށެވެ. މައިޕާޓީ އެމްޑީޕީއާއި ގުޅިފައިވާ ކޯލިޝަންގެ މުށުތެރޭގައި ދައުލަތުގެ ހުރިހާބާރުތައް ވަނިކޮށެވެ.ބާރުގެ ތިލަފަތް ދެކޮޅަށް ކިރޭތީ މިފަހަރު މިފެންނަނީ ސަރުކާރުގެތެރޭގައެވެ. މާބާރުގަދަ އިދިކޮޅެއް ނެތީހެވެ.

ބަލާބެލުމަށް ފެންނަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލެއް އަންނަން އުޅޭކަހަލަ ގޮތެކެވެ. ބާރުގަދަ ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމަށް ދޮންކުރާ ކަހަލައެވެ. ފެށުނީއްސުރެ އެމްޑީޕީއަކީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ޕާޓީއެކެވެ. ޤާނޫނު އަސާސީ އިސްލާހުކުރުމުގެ ތެރޭގައި އޮންނަން ފެންނަ ނިޒާމެއް ކަޑައެޅުމުގައި އެމްޑީޕީ ވަކާލާތު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އެދުވަސްވަރު އެމްޑީޕީގެ އެފިކުރަށް ތާއީދު ކުރީ ކުރީގެ ރައީސް ޔާމީނު އިސްކޮށް ހުންނެވި ޕީޕަލް އެލަޔަންސް (ޕީއޭ)އެވެ. އެހެން ހުރިހާ ޕާޓީއަކުން ވަކާލާތުކުރީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމަކަށެވެ. ނަތީޖާއަކަށްވީ ރައްޔިތުންގެ ނިންމުން ރިޔާސީ ނިޒާމަކަށް ވެގެން ދިޔުމެވެ. ވެރިކަން ކުރާ ކޯލިޝަންގެ ޕާޓްނަރުންގެ ތެރެއިން އެމްޑީޕީ ނޫން ޕާޓީތަކަށް ރަނގަޅީ ރިޔާސީ ނިޒާމު ނަމަވެސް ކޯލިޝަންގެ މައިޕާޓީއަށް ބަރުލަމާނީ ނިޒާމު ވަރެއް ހަމަނެތޭ ދަންނަވަން ކެރެއެވެ. އެހެންކަމުން އެމްޑީޕީ އޮތީ ދަނޑިވަޅަށް ބަލަބަލައެވެ.

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބަށް ތައްޔާރުވަމުން އައި އިރު ބަރުލަމާނީ ގެ ނިޒާމަށް ދައުލަތް ހިންގާން އުޅޭކަމުގެ ސިގުނަލްތައް އައީ ލިބެމުންނެވެ. 2018 ގެ ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދިގެން ވާދަކުރަން ނިކުތް އިރު ނިކުތީ ކޯލިޝަން ޕާޓްނަރުންގެ މެދުގައި ކަންތައްތަކަކަށް އެއްބަސްވެގެންނެވެ. އޭގެތެރޭގައި 2019 ގައި އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާނެގޮތުގެ އެއްބަސް ވުންތަކެއް އޮތެވެ. އެއީ ކޯލިޝަން ޕާޓްނަރުން ހިއްސާ ކުރާމިންވަރަށް މަޖިލިސް ގޮނޑިތަކަށް ވެސް ބަހާލައިގެން ގުޅިގެން ވާދަކުރުމުގެ އެއްބަސްވުމެކެވެ. ގުޅިގެން ވެރިކަމަށް އައިސް ވަޒީރުންގެ މަޖިލީހާއި ސިޔާސީ މަޤާމުތައް ވަރަށް ރީތިކޮށް ބަހާލެވުނެވެ. އެހެނެއްކަމަކު މަޖިލިސް އިންތިޚާބާ ހަމަޔަށް އައިއިރު އެއްބަސްވުމެއް އޮތްކަމަކަށް ނުވިއެވެ. އެމްޑީޕީ އިސްކުރީ ކޯލިޝަންއަށްވުރެ ޕާޓީގެ މަސްލަހަތެވެ. ދާއިރާގެ ގޮނޑިތައް ކޯލިޝަނަށް ބަހާލައިގެން އުފެދޭ މަޖިލިހެއްގެ ތެރެއިން ނިޒާމު ބަދަލުކުރަން ފަސޭހަ ނުވާނެކަން އެމްޑީޕީއަށް ރަނގަޅަށް އެނގޭތީއެވެ. އެމްޑީޕީގެ ލީޑަރ ކުޅުއްވާ ކުޅި ސިޔާސީ ގިނަ މީހުންނަށް ރޭކާލާނީ މާފަހުންނެވެ.

ރާއްޖޭގެ އާންމު ވިސްނުމަށް ބަލައި ދާއިރާތަކަށް ގިނަ ބަޔަކު ވާދަކޮށް ބައިބައި ކޮށްލެވިއްޖެނަމަ ގޮނޑިތައް ލިބުން ފަސޭހަވާނެކަން އެމްޑީޕީގެ ލީޑަރަށް އެނގިވަޑައިގަނެއެވެ. އެހެންކަމުން ކޯލިޝަން ޕާޓީތަކުން ވެސް ގޮޑިތަކަށް ވާދަކުރުމަކީ އެމްޑީޕީއަށް އޮތް ކާމިޔާބެއްކަމުން އެމަގަށް އެމްޑީޕީން މަސައްކަތް ކުރިއެވެ. އެންމެ ދާއިރާއެއް ފިޔަވާ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކޮށް މަޖިލީހުގެ 65 ގޮނޑި އެމްޑީޕީން ނެގީ އެހެން ސިޔާސީ ޕާޓީތައް ސިއްސުވާލާފައެވެ. 65 ގެ ބިޔަ މެޖޯރިޓީއަކީ ވެރިކަމުގެ ނިޒާމު ބަދަލުކޮށްލުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. އޭގެ ފައިދާ އެމްޑީޕީން ނުނަގަންވީ ސަބަބެއް ވެސް ނެތެވެ.

ވެރިކަންކުރާ ކޯލިޝަންގެ އެމްޑީޕީ ނޫން އެހެން ޕާޓްނަރުންނަކީ ނިޒާމު ބަދަލުކުރުމަށް ތާއީދުކުރާ ބައެއްނޫން ކަމުން ކޯލިޝަން ޕާޓްނަރުން ބާކީކޮށްލުމަކީ އެމްޑީޕީއަށް މުހިންމު ކަމެކެވެ. ހަމައެހެންމެ، އަމާޒަށް ވާސިލުވުމަށް މަޖިލިސްގެ ރައީސްކަމުގައި އެމްޑީޕީގެ ލީޑަރ އިންނެވުމުގެ މުހިންމުކަން ވަކީން ކުޑައެއްނޫނެވެ. އެމަގްޞަދު ވެސް ރޭވުންތެރިކަމާއެކު އެމްޑީޕީން ވަނީ ހާސިލްކޮށްފައެވެ. ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭ ވަރަށް އެމްޑީޕީ އޮތީ ރަނގަޅަށް ފައްކާވެފައެވެ.

އެހެންނަމަވެސް ރައީސް ޞާލިޙު ހުންނެވީ އެމްޑީޕީގެ އެއަމާޒު ހާސިލް ކޮށްދެއްވުމުގެ ވިސްނުމުގައި ކަމަށް ގަބޫލޫކުރަން ދައްޗެވެ. އާރެއް ބާރެއްނެތް ރަމްޒީ ރައީސެއްގެގޮތުގައި ހުންނަވަން ބޭނުންފުޅެއްނުވާނެއެވެ. ބާރުތައް ބޮޑުވަޒީރެއްގެ އަތް މައްޗަށް ދޫކޮށްލެއްވުމަށް ފަސޭހަފުޅުވާނެ ކަމަކަށް ނުބެލެވެއެވެ. ވެރިކަމަށް ގެނެސްދިނުމަށް މަސައްކަތް ކޮށްދިން ކޯލިޝަން ޕާރޓުނަރުން ބާކީކޮށްލުމަކީ ވެސް ރައީސް ޞާލިޙުއަށް ދަތިފުޅުކަމަކަށް ވާނެއެވެ. އެމްޑީޕީގެ ފިކުރު ދެކަފި ވަނީ އެހިސާބުންނެވެ. މަޖިލިސްގައި ތިބި އެމްޑީޕީގެ 65 ގެތެރޭގައި ރައީސް ޞޯލިހަށް ވަފާތެރި މެމްބަރުންތަކެއްވެސް ތިބިކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އަނެއްކޮޅުން ރައީސް ޞާލިހުގެ ސަރުކާރުތެރޭގައިވެސް ފަސާދަޔާއި ޚިޔާނާތުގެ ކަންކަން ހިނގާކަމަށް ތުހުމަތު ކުރެވޭލެއް ވަކީން ކުޑައެއްނޫނެވެ. ކޮވިޑް19ގެ ހާލަތާއި ގުޅިގެން ދިމާވަމުންދާ ދަތިތަކާއި އުނދަގޫތަކާއެކު ރައީސް ޞާލިހު ސަރުކާރުގެ މަގުބޫލުކަން އިންތިހާޔަށް ދަށަށް ދިޔުމުގެ ފައިދާ އިދިކޮޅާ ގުޅިގެން ނުނަގާނެ ކަމަށް ބެލެވޭކަށް ނެތެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އިދިކޮޅު ލީޑަރު ރައީސް ޔާމީން ފާހަގަ ކުރެވެނީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ އުޞޫލުތަކުގެ މަތީގައި ޘާބިތުވެ ހުންނަވާ ބޭފުޅަކަަށް ވާތީ ރައީސް ޔާމީންގެ ކިބައިން އެ ފައިދާ ނެގޭނީ ކިހާ މިންވަރަކަށްތޯ ވެސް ސުވާލު ކޮށްލަން ޖެހެއެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދު ވެސް އެއް ފިކުރެއްގައި މަސައްކަތް ކުރެއްވިއިރު އަދި ރައީސް ޔާމީންއަށް އެތައް ތުހުމަތެއް ކުރެއްވި ރައީސް ނަޝީދު ، ޔާމީންއަށް ތަޢުރީފް ކޮށްފައިވާ ޓްވީޓްތަކެއް ތަކުރާރު ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ރައީސް ޞާލިޙްއާއި ރައީސް ނަޝީދުގެ އެކުގައި ނަގާލެވޭ ސޯޓްބުރިލީ ފޮޓޯއަކުން ނިންމާލެވޭވަރު ކަމަކަށް ވެދާނެ ހެއްޔެވެ؟ ދެ އިނގިލި ދައްކަވާލައްވާ ރައީސް ނަޝީދު ވިދާޅުވީ އެއީ އެ ދެބޭފުޅުން ތިއްބަވާނެ ގޮތް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!