ކެމްޕޭނު ކުރުމުގެ ފުރުސަތު ނުދޭނަމަ ކޯޓަށް ދާނަން: އިދިކޮޅު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނު ކުރުމުގެ ފުރުސަތު ދިނުމުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށާއި އިދިކޮޅަށް އެ ފުރުސަތު ނުދޭނަމަ ކޯޓަށް ދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަންގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިދިކޮޅުގެ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުޞަތު ސަރުކާރުން ދެމުން ނުދާ ކަމަށެވެ.
ނަމަވެސް މިހާރުވެސް ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ ގިނަ މެންބަރުން ކެމްޕެއިނު ކުރަމުން އަންނަ ކަމަށާއި އެ ބޭފުޅުންގެ ކެމްޕެއިނު ހަރަކާތްތައް ކުރިއަށް ދާކަން ހީނާ ފާހަގަ ކުރެއްވިއެވެ. އަދި އެމްޑީޕީ މެންބަރުން ކެމްޕެއިނު ކުރަމުން ގެންދާއިރު އިދިކޮޅު މެންބަރުން ތިބީ އޮފީހުގައި ބަންދުކޮށްފައި ކަމަށާއި ކެމްޕެއިނަށް މަގުމައްޗަށް ނިކުންނަ ފަރާތްތައް ވެސް ހައްޔަރު ކުރަމުން އަންނަ ކަމުގައި ހީނާ ވިދާޅުވިއެވެ.
ކެމްޕެއިން ކުރުމުގެ ޙައްޤަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގެއްކަން ފާހަގަ ކުރައްވައި ހީނާ ވިދާޅުވީ އިދިކޮޅު މެންބަރުން އެ ހައްގުން މަހުރޫމް ކޮށްފައިވާ ކަމަށެވެ.