ލައިވް އިންޓަރވިއުގެ ތެރޭގައި ބިންހެލުން އައުމުން ވެސް ނިއުޒީލެންޑްގެ ބޮޑުވަޒީރު ދެއްކީ ހިތްވަރު
މިއަދު ހެނދުނު 5.6 މެގްނިޓިއުޑްގެ ބާރުމިނުގައި ނިއުޒީލެންޑަށް އައި ބިންހެލުމުގައި ބޮޑުވަޒީރު ޔަސިންޑާ އަޑާން ދެއްކި ހިތްވަރަށް ތަޢުރީފް އޮހެން ފަށައިފިއެވެ.
ބިންހެލުން އައި އިރު ބޮޑު ވަޒީރު އިނީ އޮންލައިން އިންޓަރވިއު އެއްގައެވެ. ލައިވްކޮށް ދައްކަމުން ދިޔަ މި އިންޓަރވިއު ހިނގަމުން ދިޔަ ވަގުތު ބިންހެލުމުގެ އަސަރު ކުރުމުން ވެސް ބޮޑުވަޒީރު ދެއްކި ހިތްވަރާއި ކެތްތެރި ކަމުގެ ސަބަބުން ކުރިން އޭނާއަށް އޮތް ތާއީދު ވަނީ އިތުރުވެފައެވެ. މި ބިންހެލުމަކީ ވެލިންޓަންގެ 90 ކިލޯ މީޓަރު ދުރުން ލެވިންގެ 52 ކިލޯމީޓަރު އަޑިއަށް އައި ބިންހެލުމެކެވެ.
ނިއުޒީލެންޑްގެ ފުލުހުން ހާ ކުރިގޮތުގައި ބިންހެލުމުގެ އަސަރުކޮށްގެން އެކިވަރުގެ ގެއްލުން ލިބުމުގެ އިތުރުން ސުނާމީއެއްގެ އިންޒާރު ވެސް ވަނީ ދީފައެވެ. ބޮޑުވަޒީރު އިންޓަރވިއު ދޭން ހުރި އިމާރާތަށް ވެސް ބޮޑެތި ލޮޅުންތަކެއް އެރިކަން ޓީވީ އިން ފެނިގެން ދިޔައެވެ. އޮކްލެންޑް ގައި ހުންނަ ޓީވީ ސްޓޭޝަނަކަށް ދިން މި އިންޓަރވިއުގެ ތެރެއިން ބޮޑުވަޒީރު ބުނީ"މިތަނަށް ބިންހެލުމެއްގެ އަސަރު ކުޑަކޮށް އެބަ ކުރޭ" ކަމަށެވެ. އިންޓަރވިއު ކުރަން ހުރި ރަޔަން ބްރިޖް ހުރިހާ ކަމެއް ރަނގަޅުތޯ އެހުމުން، ހުރިހާ ކަމެއް މިހާރު ރަނގަޅު ކަމަށާ، މިހާރު ބިންހެލުމުގެ އަސަރު ކެނޑިއްޖެކަމަށާ ބުނެ އިންޓަރވިއު ކުރިއަށް ގެންދިއުމަށް ބޮޑުވަޒީރު އެދުނެވެ.
ނިއުޒީލެންޑް އޮންނަނީ ޕެސިފިކް ބޭސިންގެ "ރިންގ އޮފް ފަޔަރ" ކިޔާ ހިސާބުގައި ކަމަށްވާތީ މިހިސާބަށް އަހަރަކު 15،000 ބިންހެލުން އާދެއެވެ. ނަމަވެސް މީގެތެރެއިން އަސަރު ކުރަނީ 10،150 ބިން ހެލުމެވެ. 2011 ވަނަ އަހަރު އައި 6.3 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން ކްރިސްޗާޗްއިން 185 މީހުން މަރުވިއެވެ. އަދި 2016 ވަނަ އަހަރު 7.8 މެގްނިޓިއުޑްގެ ބިންހެލުމަކީ ނިއުޒީލެންޑަށް ކުރިމަތިވި ދެވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ.