ކުޑަކުދިންގެ ހިޔާގެ ކުދިން ރަށްތަކަށް ފޮނުވާލާތީ ކެއާވޯކަރެއްގެ ގައިގައި ރޯކޮށްލަން އުޅެފި

ދައުލަތުގެ ބެލުމުގެ ދަށުގައި ހިންގާ ކުޑަކުދިންގެ ހިޔާގެ ކުޑަކުދިން ތަކެއް ރަށްރަށަށް ފޮނުވާލާތީ ކެއާވޯކަރެއް ގައިގައި އަލިފާން ރޯކޮށްލަން އެތަނުގައި ތިބި ކުދިންތަކެއް މަސައްކަތް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ކުޑަކުދިންގެ ހިޔާގެ ކެއާވޯކަރެއް ގައިގައި ރޯކޮށްލަން އުޅުމުގެ އިތުރުން އެކުދިން ވަނީ އެތަނުގެ ބައެއް ތަންތަނަށް ވެސް ގެއްލުން ދީފައެވެ.
މިހަމަނުޖެހުން ހިންގާފައި ވަނީ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ތަކެކެވެ.
އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވަނީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތައް ރަށްރަށަށް ފޮނުވަނީ އެތަން މަރާމާތު ކުރުމަށް ކަމަށް އެނގިފައިވާ ކަމަށެވެ.
އެގޮތުން އެކުދިން ފޮނުވާލަން ހަމަޖެހިފައި ވަނީ ހއ.އަތޮޅަށާއި، ށ.އަތޮޅަށާއި، ބ.އަތޮޅަށާއި، ދ.އަތޮޅަށާއި ފުވައްމުލަކަށެވެ. އެކުދިން ރަށްތަކަށް ފޮނުވާލަން އުޅޭކަން ކުރިން ފެށިގެން އެކުދިންނަށް އަންގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލު އެނޫހަށް ވިދާޅުވެފައިވަނީ އެކަމާ ގުޅޭ ރަސްމީ ކޮމެންޓެއް މިރޭގެ ވަގުތެއްގައި ދެއްވާނެ ކަމަށެވެ.