ޚަބަރު

ހިޔާގެ އިސްވެރިންގެ މައްޗަށް ކުރާ ޖިނާއީ ތަހުގީގު ފަށައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތަނުގެ އިސްވެރިންގެ މައްޗަށް ކުރާ ޖިނާއީ ތަހުގީގު ފަށައިފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި ހިޔާގެ އިސްވެރިންގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ފަށައިފައި ވަނީ، އެ ހާދިސާއާ ގުޅިގެން އެތަނުގެ އިސްވެރިންގެ އިހުމާލު އޮތް ކަމަށް ބެލެވޭތީވެ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ފުލުހުންގެ ކައިރީގައި އެކަމަށް އެދުމުންނެވެ.

މިކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ވިދާޅުވީ، ހިޔާގެ އިސްވެރިންގެ މައްޗަށް ކުރާ ޖިނާއީ ތަހުގީގު ފަށައިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދިންގެ ހިޔާއާއި އެފަދަ އެހެނިހެން މަރުކަޒުތަކުގައި ތިބޭ ކުދިންނާއި މުވައްޒަފުން އަލިފާނުގެ ހާދިސާއިން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ހުރުމަށް ގާނޫނުތަކުން ލާޒިމްކުރި ނަމަވެސް، އެފަދަ އެއްވެސް ވަސީލަތެއް އެތަނުގައި ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބާ އުސޫލު ބަޔާންކުރާ ގަވައިދަށް އަމަލު ކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން މިފަދަ މަރުކަޒުތަކުގެ ރައްކާތެރިކަމުގެ މިންގަނޑާއި، އިމަޖެންސީގެ ހާލަތުގައި ކަންތައް ކުރާނެ ގޮތުގެ އުސޫލުތައް އެކުލަވައިލާން ޖެހޭނެ ކަމަށް އޮތް ނަމަވެސް، އެފަދަ އެއްވެސް މަސައްކަތެއް ނުކުރާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!