މި ސަރަހައްދުގެ މޯބައިލް އިންޓަނެޓު އެންމެ ހަލުވި ގައުމަަކަށް ރާއްޖެ
ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސްގެ އިންޓަނެޓު ދުވެލި އެންމެ ހަލުވި ރޭންކުގެ 66 ވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ. އެއާއެކު ރާއްޖެ ވެގެން ގޮސްފައިވަނީ ސާކް ސަރަަހައްދުގައި އެންމެ އިންޓަނެޓް ހަލުވި ގައުމަށެވެ.
މި އިންޑެކްސް ގެ އޭޕްރީލް މަހުގެ ރޭންކިންގެ މޯބައިލް އިންޓަނެޓް ސްޕީޑް ކެޓަގަރީގައި ހަތް ދަރަޖައިގެ ދަށްވުމަކާއެކު ރާއްޖެ 66 ވަނައަށް ރޭންކު ވެފައިވާއިރު ބްރޯޑްބޭންޑް އިންޓަނެޓް ރޭންކިންގައި ރާއްޖެ ހިމެނިފައިވަނީ 126 ވަނައިގައެވެ. އެއީ އޭގެ ކުރީ މަހާއި ބަލާއިރު ދެ ގުނަ ދަށް ވުމެކެވެ.
އެވްރެޖްކޮށް ރާއްޖޭގެ މޯބައިލް އިންޓަނެޓްގެ ސްޕީޑް ހުންނަނީ 27.08 އެމްބީޕީއެސް ގައިކަމަށް ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސްގައި ފާހަގަކޮށްފައި ވެއެވެ.
މި ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު މޯބައިލް އިންޓަނެޓް އެންމެ ދަށުގައި އުޅެނީ އަފްގާނިސްތާނެވެ. އަފްގާނިސްތާނު އޮތީ 139 ވަނައިގައެވެ. ރޭންކިން ގައި ދެން އެންމެ ކައިރީގައި އޮތީ އިންޑިއާ އާއި ބަންގްލަދޭޝް އެވެ. އިންޑިއާ އެ ރޭންކުގައި 132 ވަނައިގައި އޮތްއިރު ބަންގްލަދޭޝް އޮތީ 130 ވަނައިގައެވެ.
ރާއްޖެއާއި އެންމެ ގާތުން ވާދަކުރި ނޭޕާލް އޮތީ 111 ވަނައިގައެވެ. އަދި އެއަށް ފަހު ލަންކާ އޮތީ 115 ވަނައިގައެވެ.
މި އިންޑެކްސް ގައި ބޫޓާން ގެ މައުލޫމާތު ހިމެނިފައެއް ނުވެއެވެ.
ސްޕީޑްޓެސްޓް ގްލޯބަލް އިންޑެކްސް އަކީ ދުނިޔޭގެ އެކިގައުމުތަކުން މީހުން އިންޓަނެޓް ސްޕީޑް ޓެސްޓު ކުރުމުގައި އަންނަ ރިކޯޑުތައް ބޭނުންކޮށްގެން މަހަކު އެއްފަހަރު ހާމަކުރާ ޑޭޓާތަކެކެވެ.