ދިގު މުއްދަތަށް ބޭސްކުރަން ޖެހޭ ބަލިތައް ދެނެގަންނަން ސާވޭއެއް ފަށަނީ

ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް މާލޭ ސަރަހައްދުގައި ދިރާސާއެއް ފަށަން ތައްޔާރުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް
ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ރާއްޖޭގައިހުރި މިންވަރު ދެނެގަތުމަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ތަމްޘީލުވާ ގޮތަށް މި ދިޔަ އަހަރު ކުރަން ފަށާފައިވާ ދިރާސާ "ސްޓެޕް” މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ ސަރަޙައްދުގައި ކުރިޔަށް
ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މިއީ އެޗްޕީއޭ އިން އިސްނަގައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އާއި އެމްއެންޔޫ ގުޅިގެން ކުރިއަށްގެންދާ ސާވޭ އެއް ކަމުގައި ވެސް އެޗްޕީއޭއިން ބުނެއެވެ.
މި ސާރވޭ ކުރުމަށް ޤުރުއަތުން ނެގިފައިވާ ގޭގެއަށް މައުލޫމާތު އެއްކުރުމަށް ޒިޔާރަތްކުރާނެ ކަމަށާއި ސަރވޭ ގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތައް ތިއްބަވާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އިން މިކަމަށް ދޫކޮށްފައިވާ ފާހެއް އަޅުއްވައިގެން ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އަދި މި ސާވޭ ކުރިއަށް ގެންދިއުމުގެ ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.