މާލެ ކެފޭއެއްގައި އަލިފާން ރޯވެއްޖެ

މާލޭގައި ހުންނަ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް މީޑިއާ އޮފިޝަލު ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށެވެ.
އަދި ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔާ ވެހިކަލްތައް އެ ސަރަހައްދަށް ގޮސްފައިވާއިރު، އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
ރޯވެފައިވަނީ ގަލޮޅުގައި ހުންނަ ސަލްމާން ކެފޭގައެވެ.
އަލިފާން ރޯވެފައި ވަނީ ކެފޭގެ ބަދިގޭގެ ގޭސްފުޅި މަތީގައި އޮތް ތުވާއްޔެއްގައި ކަމަށާއި ހާދިސާގައި އަލިފާނުގެ އަސަރުން ގޭސްފުޅި މުޅިން އަނދާފައިވާ ކަމަށްވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
މި ހާދިސާގައި އެކަކަށް އަނިޔާ ވެފައިވާއިރު، އެމްއެންޑީއެފް ފަޔާ ޓީމު އެ ސަރަހައްދަށް ދިއުމުގެ ކުރިން އަނިޔާވި މީހާ ވަނީ އޭޑީކޭއަށް ގެންގޮސްފައެވެ.