ކޮވިޑް-19 ޖެހި، ދެ ކިޑްނީ ފޭލްވެ 6 ހަފްތާ ކޯމާގައި އޮވެފައި ހޭއެރި ކާފަގެ ޝުކުރު ސިއްޙީ އެހީތެރިންނަށް
އިނގިރޭސިވިލާތުގެ 69 އަހަރުގެ ބްރަޔަން ހާވޭ ހޮސްޕިޓަލަށް ގެންދެވުނީ ނިއުމޯނިޔާއަށް ޝައްކު ކުރެވިގެންނެވެ. ނަމަވެސް ޙާލަތު ދަށްކަމުން އައި.ސީޔޫގައި އެޑްމިޓްކޮށް ކޮވިޑް-19 އަށް ވެސް ޓެސްޓް ކުރެވުނެވެ. ނަތީޖާ އައީ ޕޮޒިޓިވް ވެގެންނެވެ. އާއިލާ އަށް މިކަންވީ ގަބޫލުކުރަން ދަތި ކަމަކަށެވެ. ބްރަޔަންގެ އުމުރާ އެހެން ސިއްޙީ މައްސަލަތކުގެ ސަބަބުން ކޮވިޑް-19 އާ ހަނގުރާމަ ނުކުރެވިދާނެ ކަމުގެ ބިރު އެންމެނަށް ވެސް ހީވިއެވެ. އަދި ބްރަޔަން ބަލިވެ ހޮސްޕިޓަލްގައި އޮންނަން ޖެހުނު އިރު ގާތުގައި ނުހުރެވުން އެއީ އަދި މާ ވޭން ދެނިވި ކަމެއް ކަމަށް ބްރަޔަންގެ އަންހެނުން ފާހަގަ ކުރިއެވެ.
ބްރަޔަންގެ ޙާލު ބޮޑުވެ، ދެ ކިޑްނީ ފޭލްވެ، އޭނާ އެނބުރި އާއިލާގެ ގާތަށް ދެވޭނެ ކަމުގެ އުއްމީދު ގެއްލުމުން ޑޮކްޓަރުން އެކަން އާއިލާއަށް އެންގިއެވެ. އަދި ފުރާނަ ސަލާމަތް ކުރެވެން އޮތް ހަމަ އެކަނި ގޮތަކީ ޑޮކްޓަރުންގެ ބެލުމުގެ ދަށުން "އިންޑިއުސްޑް ކޯމާ" އެއްގައި ބޭއްވުން ކަމަށް ޑޮކްޓަރުންނަށް ފެނުމުން އެކަންވެސް ކުރިއެވެ. ބްރަޔަންގެ އަންހެނުންނާއި ދަރިން އެންމެ ދެރަވީ ބްރަޔަންގެ އެންމެ ފަހު ވަގުތުވެސް އެމީހުނަށް ބްރަޔަން ގާތުގައި ނުތިބެވިދާނެތީއެވެ.
ކޮންމެ ދުވަހަކު ހޮސްޕިޓަލުން ގުޅާފައި ފަހަރަކަށް ވުރެ ފަހަރެއް ބްރަޔަންގެ ހާލު ގޯސް ކަމަށް އާއިލާއަށް އަންގަމުން ދިޔައެވެ. ބްރަޔަންގެ 9 އަހަރުގެ ކާފަދަރިފުޅުގެ އުފަންދުވަހަކަށް ބޭނުންވަނީ ކޮންކަމެއްތޯ އެހުމުން، ބޭނުންވަނީ ކާފަ އެނބުރި އައުން ކަމަށް ބުނެ، އެކަމަށް ދުޢާ ވެސް ކުރިއެވެ. ޖެހިގެން އައި ދުވަހު ހޮސްޕިޓަލުން ގުޅާފައި ބްރަޔަންގެ ހާލު ރަނގަޅު ކަމަށް ބުންޏެވެ. ބްރަޔަންގެ ފުރާނަ ސަލާމަތްވުން ޑޮކްޓަރުން ސިފަ ކުރީ "އަޖައިބެއް" ގޮތުގައެވެ.
6 ހަފްތާފަހުން ބްރަޔަން ހޭ އެރިއިރު ގިނަ ކަންކަން ހުރީ ހަނދާނުން ފޮހެވިފައެވެ. ނަމަވެސް ބަލިވެ އޮތް އިރު އާއިލާގެ މީހުން ގާތުގައި ނެތުމުން އެކަމާ ހިތާމަ ކުރި ކަމަށް ބްރަޔަން ހާމަ ކުރިއެވެ. އަދި ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަމަށް ޝުކުރު އަދާކުރިއެވެ. ކޮވިޑް-19 ގެ އެންމެ ހިތްދަތި ކަމަކީ ބަލިބޮޑުވެގެންދާ ހާލުވެސް އާއިލީ ނުވަތަ ގާތްމީހަކަށް ޒިޔާރަތް ކުރުމުގެ ހުއްދަ ނެތުމެވެ.