މުނިފޫހިފިލުވުން

އައްޒަގެ އެހީއާއެކު "ފަރުދީ ޒިންމާ" އަދާކުރަން އައިންތު ހުރީ ފުލް ކިޓުގައި!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދިވެހިން ހޭލުންތެރި ކުރުވުމަށް ރާއްޖޭގެ އެކިއެކި ފަންނާނުން ވެސް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by Sosun Fihaara

މިހާރު ރާއްޖެ މިއޮތް ސިއްޙީ ހާލަތުގައި، ހޭލުންތެރި ކުރުމުގެ ގޮތުން އެކި ފަންނާނުން މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެބޮޅަށް މިހާރު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު ބަޠަލާ މަރިޔަމް އައްޒަ އާއި އޭނާގެ ހުނަރުވެރި މަންމަ އައިމިނަތު ރަޝީދާ (އައިންތު) ވެސް މިވަނީ އިތުރު ވެފައެވެ.

އައިންތު، އައްޒަ އަދި އީތަން ވެސް ފެނިގެންދާ ތަފާތު ވީޑިއޯ އެއް ކަމަށްވާ "ފަރުދީ ޒިންމާ އަދާ ކުރައްވާ" މިވީޑިއޯ ރޭގައި ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާއިރު، ވީޑިއޯ ހާމަކުރިތާ ތިން ގަޑިއިރުތެރޭގައި 20000 އަށްވުރެ ގިނަ މީހުން އެވީޑިއޯ ބަލާ، އަދި 450 އަށްވުރެ ގިނަ މީހުން އެވީޑިއޯ ޝެއާ ކޮށްފައިވެއެވެ.

"ފަރުދީ ޒިންމާ އަދާކުރައްވާ" މިވީޑިއޯ އާއި ބެހޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން އައްޒަ ބުނީ މިއީ އޭނާގެ މަންމަގެ އިސްނެގުމުގެ މަތިން މަންމަ ލިޔެ ޕްރުޑިއުސް ކުރި ވީޑިއޯއެއް ކަމަށެވެ.

"ފިލްމު އިންޑަސްޓްރީގެ ކޮންޓްރިބިއުޝަން ވަރަށް ބޭނުންވެފައި ހުރި ދަނޑިވަޅެއް ދޯ މިއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މެސެޖުތައް ފޯރުކޮށްދޭން ވެގެން. ބައިވަރު ފިލްމީ ފަންނާނުން ވެސް ހަމަ އެކި ކަހަލަ ގޮތްގޮތުން އަންނަނީ މެސެޖް ޕާސް ކުރަމުން. އެހެންވެ މިހާރު މަންމަ ވެސް ގޭގަ ހުރީމަ އައްޒަ ވެސް ގޭގަ ހުރީމަ، މަންމަ ވިސްނި ކޮންސެޕްޓެއް މިއީ، މަންމަގެ އަމިއްލަ ސްކްރިޕްޓެއް މިއީ. ގޭގަ ވީޑިއޯ ކޮށްފަ ހިތަށް އެރީ މީތި ޕަބްލިކް ކޮށްލާނީއޭ މެސެޖެއް ދިނުމުގެ ގޮތުން" އައްޒަ ބުންޏެވެ.

ޔާރާ ޕްރޮޑަކްޝަންސް ގެ ފަރާތުން، އައިންތުގެ ދުރު ވިސްނުމުން އުފެއްދި މިވީޑިއޯ ވަރަށް ވެސް ތަފާތުވެފައި މީހުންގެ ޝައުޤުވެރިކަން ދަމައިގަނެއެވެ. ޚާއްސަކޮށް ވީޑިއޯގައި އައިންތު ލާފަ ހުންނަ "ކިޓެވެ". އަދި އެކިޓުގައި އައިންތު އަޅައިގެން ހުރި (ފެން ވެސް ބޮވޭ ގޮތަށްހުރި) މާސްކެވެ.
ވީޑިއޯއިން ދައްކުވައިދެނީ އެމްބިއުލޭންސެއްގެ އަޑު އިވުމުން، އަވަހަށް ވެގެން އުޅޭ ގޮތް ބެލުމަށް އަންހެނަކު ފުލް ކިޓުގަ ދާން އުޅޭ މަންޒަރެވެ. ނަމަވެސް އޭނާއާއި އެހެން މީހުންގެ ރައްކަލަކަށްޓަކައި އޭނާގެ ދަރިފުޅު ގޮސް އެއަންހެން މީހާ ހުއްޓުވާ މަންޒަރުވެސް ދައްކާލައެވެ.

އައިންތު އާއި އައްޒަގެ އިތުރުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އީތަން ވެސް ފެނިގެންދާ މިވީޑިއޯ ޑައިރެކްޓުކޮށް އެޑިޓް ކުރީ އައްޒަގެ ފިރިމީހާ އަބްދުﷲ މުއާޒް އެވެ. އައްޒަ ބުނި ގޮތުގައި މިވީޑިއޯގެ ޝޫޓިން އެއް ގަޑިއިރު ތެރޭގައި ނިންމާލާފައިވާއިރު އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަން އެއްކޮށް، ވީޑިއޯ ނިންމަން ނެގީ އެއް ދުވަހެވެ.

މިފަދަ ހައްސާސް ދަނޑިވަޅެއްގައި އައްޒަ ވެސް ބެލުންތެރިންނަށް ދޭން ބޭނުންވާ މެސެޖަކީ ބޭރަށް ނުނިކުމެ ގޭގައި ތިބުމަށެވެ.

"ހުރިހާ ރައްޔިތުންވެސް ގޭގައި ތިއްބަވާށޭ ބުނެލަން ބޭނުންވަނީ. ގޭގަ އަބަދު ތިބެންވީމަ ފޫހިވެސް ވާނެ. އެކަމަކު ފޫއްސަށްވުރެ ބޭރުގަ ހުރި ނުރައްކާ ބޮޑުކަން ވާނެ ދެނެގަންނަން. މިސާލަކަށް އަދި ފަހުން ލޮކްޑައުން އުވާލިޔަސް، ފަރުދީ ޒިންމާ އަދާކުރައްވާ ޒަރޫރީ ބޭނުމަކު ނޫނީ ބޭރަށް ނުނިކުންނަވާ! އެފަދައިން ނިކުންނައިރު ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާ!" އައްޒަ އިލްތިމާސް ކުރިއެވެ.

މިތަފާތު ވީޑިއޯ ތައްޔާރު ކޮށްދިނުމުން އައްޒަ ވަނީ މުއާ އަށް ފަށްފަށުން ޝުކުރު އަދާ ކޮށްފައެވެ. ހޭލުންތެރިކަން ފެތުރުމަށް ތިޔަ ކޮށްދެއްވި މަސައްކަތް ބެލުންތެރީން ވަނީ ވަރަށް ބޮޑަށް ބަލައިގެންފައެވެ.

ޔާރާ ޕްރޮޑަކްޝަންސް ގެ "ފަރުދީ ޒިންމާ އަދާކުރައްވާ" ބައެއް ޓީވީ ޗެނަލްތަކުން ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ބައިސްކޯފު، އައިސް ޓީވީ އަދި ދިވެހި ޗެނަލް ވެސް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!