ޚަބަރު

އެމްޑީޕީގެ ކެމްޕޭން ދަތުރުތަކަށް ސަރުކާރުން ހަރަދެއް ނުކުރާނެ: ލަތީފު

ދެން އެމްވީ ، ދެން އޮންލައިން

އެމްޑީޕީގެ ކެމްޕޭން ދަތުރުތަކަށް ސަރުކާރުން ހަރަދެއް ނުކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައިމިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މި ސަރުކާރުން ކެމްޕޭން ކުރުމުގެ ގޮތުން ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ކެމްޕޭން ދަތުރުތަކަށް ހަރަދުކުރާނީ ސީދާ އެ ޕާޓީން ކަމަށާއި އެ ޕާޓީގެ ހަރަކާތްތައް ހިންގަނީ މެންބަރުންނާއި ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ކަމަށެވެ.

ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާއިރު، އެ ޕާޓީގެ ޓިކެޓަށް އެދި 1364 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. އެމްޑީޕީގެ ޓިކެޓު ލިބޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ގައެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!