ފެބްރުއަރީ 7 އާއި " އުކުޅަހު ބަޣާވަތް" ތަޖުރިބާއަކަށް ފުދޭނެ
ރާއްޖޭގެ މިހާރުގެ ޤާނޫނު އަސާސީ އޮތްގޮތުން ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތުން ޤާނޫނު އަސާސީއަށް ކޮންމެ ފަދަ ބަދަލެއްވެސް ގެނެވިދާނެއެވެ. މިއަދު ރާއްޖޭގެ ސިޔާސީ ހަގީގަތަކީ މުޅިމަޖިލީހުގެ ހަތަރުބައިކުޅަ ތިންބަޔަށްވުރެ ބޮޑު އަދަދެއް އެއް ޕާޓީއަކަށް އޮތްކަމެވެ. މިހާރު އޮތްގޮތުން މަޖިލީހުގެ ހަތަރުބައިކުޅަ ތިންބަޔަކީ 64 މެމްބަރުންނެވެ. އެހެން ކަމުން އެމްޑީޕީ ބޭނުން ބައްޓަމަކަށް ޤާނޫނު އަސާސީ ކޮށާ މަށާލުމަކީ އެޕާޓީއަށް މިހާރަކު އުނދަގޫ ކަމެއް ނޫނެވެ.
ގާނޫނު އަސާސީ ބުނާގޮތުން ޤާނޫނު އަސާސީއަށް ގެނެވޭ ބައެއް ބަދަލަކީ ރައްޔިތުންގެ ރުހުން ލިބިގެން ގެނެވޭ ބަދަލަކަށް ވުން ލާޒިމެވެ. އެގޮތުން ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ގެނެވޭ ބަދަލަށް ރައްޔިތުންގެ އަޣްލަބިއްޔަތުގެ ރުހުން ހޯދަންޖެހެއެވެ. އެހެން އެކަން އޮތްނަމަވެސް ރައްޔިތުންގެ ރެފްރެންޑަމަކަށް ނުގޮސް އެބަދަލު ޤާނޫނު އަސާސީއަށް ގެނައުމުގެ ބާރު މިހާރު އޮތް މަޖިލީހުގެ ތެރެއިން އެމްޑީޕީއަށް ކިތަންމެ ރަނގަޅަކަށް ވެސް ލިބެން އެބަ އޮތެވެ. އެމްޑީޕީގެ ސްޕަރމެޖޯރިޓީ ބޭނުން ކޮށްގެން ރައްޔިތުންގެ ވޯޓަށް ދާންބުނާ މާއްދާ އުވާލީމާ އެކަން އެނިމުނީއެވެ. ގާނޫނުއަސާސީއަށް އެމްޑީޕީން ގެންނަން އެދޭ ބަދަލުތައް އޭގެ ފަހުން ގެންނަމުން ގެންނަމުން ދާންވީއެވެ. ރައްޔިތުންގެ ވޯޓަށް ދިޔުމަށް އޮތް ބިރުވެރިކަން އޭރުން ފިލާދާނެއެވެ.
ވެރިކަމުގެ ނިޒާމް ބަދަލުކުރުން ކަމަށްވިޔަސް އަސާސީ ހައްޤު ހަނިކުރުން ކަމަށްވިޔަސް އެބަދަލެއް ބޭނުން އިރަކު ގެނެވޭނެއެވެ. މަޖިލީހުގެ ދައުރު ދިގުކުރުން ކަމަށްވިޔަސް، ރައްޔިތަކަށްވުމަށް މުސްލިމަކަށް ވާންޖެހޭކަމަށް އޮންނަ އޮތުން ބަދަލުކޮށްލުމަށްވެސް ލައްކަ ފަސޭހަ ވާނެއެވެ. މަޖިލީހުން ޤާނޫނެއް ފާސްކުރާ ހިސާބުން ޤާނޫނަކަށްވީކަމަށް ކަނޑައަޅާ ރައިސުލް ޖުމްހޫރިއްޔާ ތަސްދީޤު ކުރަން އޮންނަ އޮތުންވެސް ބަދަލު ކޮށްލެވިދާނެއެވެ. ރައީސުލްޖުމްހޫރިއްޔާއަކީ އާރެއް ބާރެއްނެތް ކޮންމަސް ބުރިއަކަށްވެސް ހަދާލެވިދާނެއެވެ.
ހައްދެއް ނެތްވަރަށް އެއްބަޔަކަށް އާރާބާރު ރައްޔިތުން ދޭނީވެސް ލައްކަ އިތުބާރު އޮވެގެންތާއެވެ. ރައްޔިތުންނަށް ދެރަ ގޮތެއް ނުހަދާނެކަމުގެ ޔަޤީންކަން އޮވެގެންތާއެވެ. މިހާ ހިސާބުން އުފެދޭ ސުވާލެއް އެބައޮތެވެ. ޙަގީގަތުގައިވެސް ރައްޔިތުންގެ އަޣްލަބިއްޔަތު އެމްޑީޕީއަށް އޮތްކަމާމެދު އުފެދޭ ސުވާލެވެ. ޖަވާބު ބޭނުންވާ ބޮޑު ސުވާލެކެވެ. ރައްޔިތުން މަޖިލީހުގެ 65 ގޮނޑި ލިބިފައި އޮތުމަކީ އެމްޑީޕީ ބޭނުން ހާގޮތަކަށް ކަންކަން ކުރަން ރައްޔިތުން ރުހޭކަމުގެ ހެއްކެއް ހެއްޔެވެ. މުޅިއަކުން އެގޮތަށް ގަބޫލުކުރަން ފަސޭހައެއްނޫނެވެ.
ރައްޔިތުންގެ ރުހުމާއި ނުރުހުން ދެނެގަނެވޭ ގޮތަކީ ވޯޓުގެ ނަތީޖާއެވެ. ގޮނޑި ކާމިޔާބު ކުރާވަރަކުން ރައްޔިތުންގެ ރުހުން އޮތްވަރެއް ދެނެއެއް ނުގަނެވެއެވެ. ގިނަ ގޮނޑިތައް ކާމިޔާބު ވެފައި ހުންނަނީ އެދާއިރާގެ އެއްގެ ވޯޓުލުން ޙައްޤުވާ މީހުންގެ 50އިންސައްތަ ވޯޓު ލިބިގެން ކަމަށް ނުވާތީއެވެ. ފެންނަން އޮތް ޙަޤީޤަތަށް ބަލައިލާނަމެވެ.
އެމްޑީޕީން 65 ގޮނޑި ކާމިޔާބުކުރި ރައްޔިތުން މަޖިލިސް އިންތިޚާބު 2018 ގެ ނަތީޖާ އޮތްގޮތް ދެކެބަލާށެވެ. އެ އިންތިޚާބުގައި މުޅި ރާއްޖެއިން ވޯޓުލުމުގެ ޙައްގު ލިބުނީ 264442 މީހުންނަށެވެ. ވޯޓުލާން ނިކުތީ 215053 މީހުންނެވެ. 49389 މީހުން އެ އިންތިޚާބުގައި ވޯޓެއް ނުލައެވެ. އިންތިޚާބުގައި ވޯޓުލީ 215053 މީހުންގެ ތެރެއިން އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓުދިނީ 96354 މީހުންނެވެ. އެއަދަކީ ވޯޓުލާން ނިކުތް މީހުންގެ 45.83 އިންސައްތައެވެ. ވޯޓުލީ މީހުންގެ އަދަދުން 65 ގޮނޑި ކާމިޔާބުކުރި އެމްޑީޕީ މެންބަރުންނަށް ލިބުނު އިންސައްތަ އުޅެނީ %35 ގެ ދަށުގައެވެ.
އެމްޑީޕީއާއި ދެކޮޅަށް އެ އިންތިޚާބުގައި ވޯޓުދިން މީހުންގެ އަދަދަކީ 118699އެވެ. އެއީ ވޯޓުލާން ނިކުތް މީހުންގެ %54.17 އެވެ. އެހެންކަމުން ވޯޓުލީ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއް އެމްޑީޕީއަށް ތާއީދެއް ނުކުރެއޭ ބުނެވެން އެބަ އޮތެވެ. އަނެއްކޮޅުން ވޯޓުލުން ހައްޤުވީ 264442 މީހުންގެތެރެއިން 168088 މީހުން އެމްޑީީޕީއަށް ވޯޓު ދީފައިނެތްކަން އެއޮތީ ފެންނާށެވެ. އޭގެ މާނައަކީ ކޮންމެ ސަބަބަކާލައިގެން ނަމަވެސް ވޯޓުލާންޖެހޭ މީހުންގެ ކޮންމެ ސަތޭކައަކުން 63 މީހުން އެމްޑީޕީއަށް ވޯޓެއް ނުދެއެވެ.
ރާއްޖޭގެ ސިޔާސީ ޙަގީގަތްތައް މިހެން އޮތް އިރު ސްޕަރ މެޖޯރިޓީއެއް އޮތަތީ އެމްޑީޕީންވެސް ހިތުހުރިއެއްޗެއް ހަދާފާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. ބޮނދު ބުޑަށް ސައިވާނީ ފެނިގެންނެވެ. ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި ބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ އަތްމަތީގައި ކަން ފިސާރި ރަނގަޅަށް އެނގޭނެއެވެ. ފެބްރުއަރީ 7 އާއި " އުކުޅަހު ބަޣާވަތް" ތަޖުރިބާއަކަށް ފުދޭނެއެވެ.