ދީން

ކައުބަތުﷲ ގެފުޅުގެ ދޮރުކޮޅު ފަރުމާ ކޮށްދެއްވި މުނީރް އަލް-ޖުންދީ އަވަހާރަވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާތް ވެގެންވާ ކައުބަތުﷲ ގެފުޅުގެ ދޮރުކޮޅު ފަރުމާ ކޮށްދެއްވި އިންޖީނިއަރު މުސީރް ސާރީ އަލް-ޖުންދީ އިއްޔެ އަވަހާރަވެއްޖެއެވެ.

Ads by Hajj Corporation

މުނީރް ސާރީ ގެފުޅުގެ ދޮރުކޮޅު ފަރުމާ ކޮށްދެއްވީ 70ގެ އަަހަރުތަކުގައި ޚާލިދް ބިން ޢަބްދުލްޢަޒީޒް އަލް ސައުދުގެ ރަސްކަމުގައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި މުނީރް ސާރީ އަވަހާރަވީ ދެކުނު ޖަރުމަނުގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު އަވަހާރަ ވެއްޖެކަމުގެ ޚަބަރު އެއާއިލާގެ އިތުރުން ހާމަ ކުރެއްވީ ސައުދީ އަރަބިއާ ގެ ޖިއޮލޮޖިސްޓެއް ކަމަށްވާ ބަދްރް ބަދްރާ އެވެ.

އެނގިފައިވާ ގޮތުގައި، މުނީރް ސާރީ ކައުބަތުﷲ ގެފުޅުގެ ދޮރުކޮޅު ފަރުމާ ކޮށްދެއްވުމުން އެދޮރުކޮޅުގެ މަސައްކަތް ކުރުމަށް ކިންގް ޚާލިދު ހަވާލު ކުރެއްވީ ބަރްފް އާއިލާ އާއެވެ. އެމަސައްކަތް ހިންގެވީ ޝެއިޚް މަހްމޫދް ބަދްރް އާއި އެމަނިކުފާނުގެ ދަރިކަލުން މުޙައްމަދު އެވެ. ދޮރުކޮޅު ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޝެއިޚް އަލް-ސަގާ ގެ ފެކްޓަރީ ގައެވެ.

ކައުބަތުﷲ ގެފުޅުގެ ދޮރުކޮޅަކީ ރަނުން ތައްޔާރު ކޮށްފައިވާ ދޮރުކޮޅެކެވެ. އެދޮރުކޮޅު ތައްޔާރު ކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ އެއް އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައި ކަމަށް ވެސް އެނގިފައިވެއެވެ. ކިންގް ޚާލިދުގެ އަމުރުފުޅަށް އެދޮރުކޮޅު އެއްކޮށް ތައްޔާރުކޮށް ނިމުނީ އެއަހަރުގެ ޙައްޖު މޫސުމަށެވެ.

އެމަސައްކަތާ އެއިރު ހަވާލުވެ ހުންނެވި އޮފިޝަލަކު ވިދާޅުވީ ކައުބަތުﷲ ގެފުޅުގެ އެދޮރުކޮޅު ފަރުމާ ކޮށްދެއްވީ މުނީރް ސާރީ އަލް-ޖުންދީ ކަމަށާއި ދޮރުކޮޅުގެ ރޮނގުތައް އަޅުއްވާދެއްވާފައި ވަނީ ޝެއިޚް ޢަބްދުއްރަޙީމް ބުޚާރީ ކަމަށެވެ. ގެފުޅުގެ ދޮރުކޮޅު ތިން މީޓަރަށްވުރެ ދިގެވެ. އަދި ފުޅާ މިނުގައި ދެ މީޓަރު ހުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!